މިދިޔަ ހުކުރު ދުވަހު ރިލީޒްކުރި ޑައިރެކްޓަރު ކަރަން ޖޯހަރްގެ ފިލްމު "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" އަށް ބޮޑު ތަރުހީބެއް ލިބެމުން އެބަދެ އެވެ.
ރަންވީރު ސިންގް އާއި އާލިއާ ބަޓް ލީޑް ރޯލު ކުޅެފައިވާ މި ރޮމޭންޓިކް ކޮމެޑީ އަށް އިންޑިއާ އާއި ބޭރުގެ މާކެޓްތަކުން ވެސް ބޮޑު ތަރުހީބެއް ލިބެމުން އަންނަ އިރު، ފިލްމުގެ ޖާދޫގައި ވަރަށް ގިނަ ބަޔަކު ޖެހިފައިވެ އެވެ. "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ގިނަ ބަޔަކަށް އެހާ ކަމުދިޔަ މައިގަނޑު ސަބަބަކީ މި ފިލްމަކީ ބެލުންތެރިންގެ މޫނު މައްޗަށް އުފާވެރިކަން ގެނެސްދޭ ކަހަލަ، ކުލަގަދަ، ޗާލު ހިތްގައިމު އާއިލީ ފިލްމަކަށްވުމެވެ.
ކަރަން ވަނީ ކުރިން ވެސް މި ފިލްމަކީ އޭނަގެ އަލަތު ފިލްމު ކަމަށްވާ 1988 ގެ "ކުޗް ކުޗް ހޯތާ ހޭ" އިން ބެލުންތެރިންނަށް ގެނެސްދިން ކަހަލަ އުފާވެރި ކަމެއް ގެނެސްދޭނެ ފިލްމަކަށް ވާނެ ކަމަށް ބުނެފަ އެވެ. އެކަން މިހާރު ސިނަމާތަކުން ފެންނަމުންދާ އިރު، އިންޑިއާގެ ބޮކްސް އޮފީހުގައި "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" އަށް ފުރަތަމަ ދެ ދުވަހު އާމްދަނީގެ ގޮތުގައި ލިބުނު އަދަދު 27.15 ކްރޯޑް ރުޕީސް (3.3 މިލިއަން ޑޮލަރު) އަށް އަރަ އެވެ.
އަދި އިންޑިއާ އިން ބޭރުގެ މާކެޓްތަކުން ލިބުނު އަދަދާ އެކީ އިއްޔެއާ ހަމައަށް ފިލްމަށް ލިބުނު ޖުމްލަ އާމްދަނީ 51.24 ކްރޯޑް ރުޕީސް (6.32 މިލިއަން ޑޮލަރު) އަށް އަރަ އެވެ. ފިލްމު ހަދާފައި ވަނީ 160 ކްރޯޑް ރުޕީސް (19.4 މިލިއަން ޑޮލަރު) ގެ ބަޖެޓަކުންނެވެ.
ވަރަށް "ގްރޭންޑްކޮށް" ހަދާފައިވާ ފިލްމަށް ގިނަ ކްރިޓިކުން ވެސް ތައުރީފުކޮށްފައިވާ އިރު، "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ގެ ކާސްޓްގައި ޖަޔާ ބައްޗަނާއި ދަރުމެންދުރާ އަދި ޝަބާނާ އާޒްމީ ވެސް ހިމެނެ އެވެ.