Last Updated: June 6, 20:36
Saturday, June 6, 2026
ޚަބަރު

ޔާމީންގެ އިސްތިއުނާފު ލަސްވާތީ ހައި ކޯޓަށް

ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީންގެ އިސްތިއުނާފު މައްސަލަ ލަސްވާތީ އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ހައިކޯޓަށް ގޮސްފިއެވެ.

އީދު ބަންދުގެ ކުރިން ބޭއްވި އަޑުއެހުމަށްފަހު ހައިކޯޓުގައި ރައީސް ޔާމީންގެ އަޑުއެހުމެއް ބޭއްވިފައެއް ނުވެއެވެ. އެމަނިކުފާނުގެ އަޑުއެހުމެއް ބޭއްވިފައިނުވަނީ އެ މައްސަލަ ބައްލަވާ ބައެއް ފަނޑިޔާރުން ޗުއްޓީގައި ތިއްބެވުމުންނެވެ.

ހައިކޯޓުން ނިކުމެވަޑައިގެން މީޑިއާތަކާ ވާހަކަ ދައްކަވަމުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ފެނިގެންދަނީ ސަރުކާރުން ރާވައިގެން އިސްތިއުނާފު މައްސަލަ ކުރިއަށްގެންދިޔަ ނުދޭން މަސައްކަތް ކުރާތަން ކަމަށެވެ.

ރައީސް ޔާމީނަކީ އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓްކަން ފާހަގަކުރައްވާ އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީންގެ މައްސަލަ ހައިކޯޓުގައި ކުރިއަށްނުގެންގޮސް ބާއްވާފައިއޮތީ ރައީސް ޔާމީނާ ވާދަނުކޮށް ރައީސް ސޯލިހް ދެވަނަ ދައުރެއް ގަދަކަމުން ހޯދުމުގެ ނިޔަތުގައި ކަމަށެވެ. ރައީސް ޔާމީން ޖަލުގައި ބާއްވައިގެން ރައީސް ސޯލިހް އިންތިހާބަށް ފޯރިއާއެކު ކެމްޕޭން ކުރަމުން އަންނަ ކަމަށާއި މިކަންކަން ހިނގާގޮތާމެދު ކަންބޮޑުވުން އޮތް ކަމަށް ވިދާޅުވިއެވެ.

ސެޕްޓެމްބަރު 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބަށް ވާދަކުރުމުގެ ފުރުސަތު ޖުލައި 23 ވާ އާދީއްތަ ދުވަހުން ފެށިގެން އޮގަސްޓު 7 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 2:00 އާ ހަމަޔަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ހުޅުވާލާފައެވެ. ރިޔާސީ އިންތިހާބަށް އިދިކޮޅު ޕީޕީއެމްގެ ޓިކެޓުގައި ރައީސް ޔާމީން ވާދަކުރައްވާއިރު، އެމަނިކުފާނަށް ރަނިންމޭޓެއް ނެގުމުގެ މަސައްކަތް ގެންދަވަނީ ކުރައްވަމުންނެވެ.

މިހާތަނަށް އައިއިރުވެސް އިދިކޮޅުގެ އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި އޮތީ ރައީސް ޔާމީންގެ އިސްތިއުނާފު ޝަރީއަތް ވަކިގޮތަކަށް ނުނިމި އޮތުމެވެ.