Last Updated: June 7, 06:04
Sunday, June 7, 2026
ޚަބަރު

ޔާމީންގެ ރަނިން މޭޓަކަށް ޖަމީލު

ޔާމީން އާއި ޖަމީލް - ފޮޓޯ: ޕީއެންސީ

ޕީޕީއެމްގެ ފަރާތުން މިއަހަރު ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ނިންމަވާފައިވާ ރައީސް އަބްދުﷲ ޔަމީންގެ ރަނިންގް މޭޓަކަށް ޑރ. މުހައްމަދު ޖަމީލް އަހުމަދު ހަމަޖައްސަވާފައިވާ ކަމަށް އެ ޕާޓީން ހަމަކޮށްފިއެވެ.

ރައީސް ޔަމީންގެ ވަކީލުންގެ ޓީމުގައި މިވަގުތު އިސްކޮށް ހަރަކާތްތެރިވާ ޑރ. ޖަމީލް ރަނިންގް މޭޓަކަށް ހަމަޖައްސަވާފައިވާ ކަން ޕީޕީއެމުން ވަނީ ކަށަވަރުކޮށްދީފައެވެ. ޔަމީންގެ ރަނިންގް މޭޓެއްގެ ގޮތުގައި ޑރ. ޖަމީލް ރިޔާސީ އިންތިހާބަށް ނިކުންނަވާނެކަން އިއުލާން ކުރެއްވިއިރު، އޭނާ އަކީ މީގެ ކުރިން 2013 ވަނަ އަހަރުވެސް ޔަމީންގެ ރަނިންގް މޭޓެއްގެ ގޮތުގައި ނިކުންނެވި ބޭފުޅާއެވެ.

އޭރު އިންތިހާބު ކާމިޔާބުކޮށް، 2015 ވަނަ އަހަރު ޖުލައި މަހާއި ހަމައަށް ޑރ. މުހައްމަދު ޖަމީލް އަހުމަދު ނައިބު ރައީސް ކަމުގެ މަޤާމު އަދާ ކުރެއްވިއެވެ. ނަމަވެސް ޖަމީލްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދާ ޑރ. ޖަމީލް ނައިބު ރައީސް ކަމުން ވަނީ ވަކިކޮށްފައެވެ. މިއީ އޭރުގެ ޓުއަރިޒަމް މިނިސްޓަރ އަދި ފަހުން ނައިބު ރައީސްގެ މަޤާމަށް ވަޑައިގެންނެވި އަހުމަދު އަދީބު އަޑީގައި ހުންނަވައި ކުރެއްވި ކަމެއް ކަމަށް ޖަމީލް އަދި ބައެއް ބޭފުޅުން އޭރު ތުހުމަތު ކުރެއްވިއެވެ.

ނައިބު ރައީސް ކަމުން ވަކިވެ ވަޑައިގެން، އޭރުގެ އޮތް ޔަމީންގެ ވެރިކަން ބަދަލު ކުރެއްވުމަށްވެސް ޑރ. ޖަމީލް ވަނީ އިދިކޮޅު ފަރާތްތަކާއި ގުޅިގެން މަސައްކަތް ކުރައްވާފައެވެ. ނަމަވެސް ފަހުން ޖޭޕީއާއި ގުޅިވަޑައިގެން ހުންނެވުމަށް ފަހު ޑރ. ޖަމީލް ވަނީ އަލުން ޕީޕީއެމްއާއި ގުޅިވަޑައިގެންފައެވެ. އަދި ރައީސް ޔަމީންގެ މައްޗަށް ކުރަމުންދާ ދައުވާތަކުގެ ދިފާޢުގައި ކޯޓުތަކުގައި އެންމެ އިސްކޮށް ވަކާލާތު ކުރައްވާ އެއް ބޭފުޅަކީ ޑރ. ޖަމީލްއެވެ.

ވ. އާރަށުގެ މައްސަލާގައި ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި އިއުލާން ކުރައްވާފައިވާ ރައީސް ޔަމީންއަށް އަންނަ ސެޕްޓެމްބަރު މަހު އޮތް އިންތިހާބުގައި ވާދަ ކުރެވޭނެ ކަމާއި މެދު ވަނީ ސުވާލު އުފެދިފައެވެ. އެމަނިކުފާނު 11 އަހަރު ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާއިރު، އެމައްސަލާގައި އިސްތިއުނާފު އޮތީ ހައިކޯޓު މަރުހަލާގައި ހުއްޓިފައެވެ.

އިންތިހާބަށް ކުރިމަތިލުމުގެ އެންމެ ފަހު ތާރިހަކީ އޯގަސްޓު މަހުގެ 7 ވަނަ ދުވަހެވެ. އެހައި ތަނަށް ޖަލުން ހުކުމުން އެމަނިކުފާނު ސަލާމަތްވެވޭނެ ކަމާއި މެދު އޮތީ ވަރަށް ބޮޑު ސުވާލު އުފެދިފައެވެ. ޤާނޫނު ބުނާ ގޮތުން ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާ އެއްވެސް ކެނޑިޑޭޓަކީ ޖިނާޢީ ހުކުމެއް 12 މަހަށް ވުރެ ގިނަ ދުވަހު ކުރެވިފައިވާ ބޭފުޅަކަށް ވެގެން ނުވާނެއެވެ.