މިއަހަރު ދެވަނަ ކުއާޓާގައި ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން އެސްޓީއޯގެ ސާފު ފައިދާ ފުރަތަމަ ކުއާޓާއާއި އަޅާ ބަލާއިރު ދަށަށް ގޮސްފައިވާ ކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.
އެކުންފުނިން އާންމުކޮށްފައިވާ ދެވަނަ ކުއާޓާގެ ރިޕޯޓުގައިވާ ގޮތުން، މިއަހަރު ދެވަނަ ކުއާޓާގައި އެކުންފުންޏަށް 3.7 ބިލިއަން ރުފިޔާގެ އާމްދަނީއެއް ވަނީ ލިބިފައެވެ. މިއީ މިއަހަރުގެ ފުރަތަމަ ކުއާޓާއާއި އަޅާބަލާއިރު ދަށް އަދަދެކެވެ. ފުރަތަމަ ކުއާޓާގައި 4.4 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މިދިޔަ އަހަރު ދެވަނަ ކުއާޓާގައި ލިބިފައިވަނީ 4.9 ބިލިއަން ރުފިޔާއެވެ.
ކުންފުނީގެ އާމްދަނީ މި ކުއާޓާގައި ދަށަށް ގޮސްފައިވަނީ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބަދަލާއި ގުޅިގެން، ތެލުގެ ވިޔަފާރިން ލިބުނު އާމްދަނީ ދަށްވުމުގެ ސަބަބުން ކަމަށް އެސްޓީއޯއިން ބުނެއެވެ.
We’ve published our 2023 2nd Quarter Report. Full report at: https://t.co/93NUZ9bqd7 pic.twitter.com/1lflDdT1bW
— STO (@stoplc) July 30, 2023
ކުންފުނީގެ އާމްދަނީ ދައްވިއިރު ހިންގުމުގެ ފައިދާގެ ގޮތުގައި އެކުންފުންޏަށް މި ކުއާޓާގައި ލިބިފައިވަނީ، 428 މިލިއަން ރުފިޔާއެވެ. ޖުމްލަ ފައިދާގެ ގޮތުގައި 804 މިލިއަން ރުފިޔާ ލިބުނުއިރު، ސާފު ފައިދާގެ ގޮތުގައި މިކުއާޓާގައި 303 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއަހަރުގެ ފުރަތަމަ ކުއާޓާގައި ސާފު ދައިދާގެ ގޮތުގައި ލިބިފައިވަނީ 368 މިލިއަން ރުފިޔާއެވެ. މިއީ 18 އިންސައްތައި ދަށްވުމެކެވެ.
ނަމަވެސް މިއީ މިދިޔަ އަހަރުގެ ދެވަނަ ކުއާޓާ އާއި އަޅާބަލާއިރު ސާފު ފައިދާ ދެގުނަ އިތުރުވުމެކެވެ. މިދިޔަ އަހަރު ދެވަނަ ކުއާޓާގައި ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 155 މިލިއަން ރުފިޔާއެވެ.
އެސްޓީއޯއަށް މި ކުއާޓާގެ ރިޕޯޓު ދައްކާ ގޮތުން މި ކުއާޓާގައި ޖުމްލަ 399 މިލިއަން ރުފިޔާ ވަނީ ޙަރަދުކޮށްފައެވެ.