ޖޫން މަހު އިމްޕޯޓް ދަށްވެ، ކަސްޓަމްސް އާމްދަނީ ދަށްވެފައިވާކަމަށް ކަސްޓަމްސްގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، މިއަހަރު ޖޫން މަހު ރާއްޖެއަށް އެތެރެކޮށްފައިވާ މުދަލުގެ ސީއައިއެފް އަގަކީ، 4 ބިލިއަން ރުފިޔާއެވެ. މިއީ މިދިޔަ އަހަރު ޖޫން މަހާއި އަޅާބަލާއިރު 24 އިންސައްތަ ދަށްވުމެކެވެ. މިދިޔަ އަހަރު ޖޫން މަހު 5.2 ބިލިއަން ރުފިޔާގެ މުދާ ވަނީ ރާއްޖެ އެތެރެކޮށްފައެވެ.
މިއާއެކު އިމްޕޯޓް އެކްސްޕޯޓުން ދައުލަތަށް ލިބުނު އާމްދަނީ ވަނީ ދަށްވެފައެވެ. މިއަހަރު ޖޫން މަހު 347 މިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ލިބިފައިވާއިރު، މިދިިޔަ އަހަރު ޖޫން މަހު 394 މިލިއަން ރުފިޔާގެ އާމްދަނީއެއް ވަނީ ލިބިފައެވެ. މިއީ 12 އިންސައްތައިގެ ދަށްވުމެކެވެ.
Monthly Statistics – June 2023
Major Importing categories, Exporting commodities and top 5 importing/exporting countries. @MariyaDidi @AbdullaSh4reef pic.twitter.com/tY3vb6LpmM— Maldives Customs Service (@CustomsMv) July 30, 2023
އިމްޕޯޓް ދަށްވި ނަމަވެސް އެކްސްޕޯޓް ވަނީ އިތުރުވެފައެވެ. އެގޮތުން މިއަހަރު ޖޫން މަހު ރާއްޖެއިން ބޭރުގައުމުތަކަށް ބޭރު ކުރި މުދަލުގެ އެފް.އޯބީ އަގު 261 މިލިއަން ރުފިޔާއަށް އަރައެވެ. މިދިޔަ އަހަރު މިމުއްދަތުގައި ބޭރުކޮށްފައިވަނީ 244 މިލިއަން ރުފިޔާގެ މުދަލެވެ. މިއީ 7 އިންސައްތައި އިތުރުވުމެއް ކަމަށް ކަސްޓަމްސް ފާހަގަ ކުރެއެވެ.
ރާއްޖެއަށް އެންމެ ގިނައިން މީހުން މިދިޔަ ޖޫން މަހު އިމްޕޯޓް ކޮށްފައިވަނީ އޮމާނުންނެވެ. އެއީ ޖުމްލަ މުދަލުގެ 18 އިންސައްތައެވެ. ދެން އެންމެ ގިނައިން އެތެރެކުރީ ޗައިނާއ އަދި އިންޑީއާއިންނެވެ. މި ދެޤައުމުންވެސް 14 އިންސައްތަ އެތެރެކޮށްފައިވައިވެއެވެ. އެންމެ ގިނައިން އެކްސްޕޯޓްކޮށްފައިވަނީ ތައިލޭންޑަށެވެ. އެކްސްޕޯޓްގެ 58 އިންސައްތަ ތައިލޭންޑަށް ބޭރުކޮށްފައިވާއިރު، ދެވަނަ އަށް އެންމެ ގިނައިން ބޭރުކޮށްފައިވަނީ އިންގިރޭސިވިލާތަށެވެ. އެއީ 11 އިންސައްތަ މުދަލެވެ. އަދި ޖަރުމަން ވިލާތަށް 10 އިންސައްތަ މުދާ ޖޫން މަހު ބޭރުކުރިއެވެ.
މުޅި ޖޫން މަހު 17660 ޑިކްލެރޭޝަން ޕްރޮސެސް ކުރެވިފައިވެއެވެ. އަދި ރޯޔަލްޓީގެ ގޮތުގައި 37 މިލިއަން ރުފިޔާ އެއްކޮށްވަނީ ލިބިފައެވެ. އެ މަހު 92 ބޯޓު ރާއްޖެ އައިއިރު، 117 ބޯޓު ރާއްޖެއިން ވަނީ ފުރާފައެވެ.