ސިނަމާތަކުގައި މިހާރު ދައްކަމުން އަންނަ ރަންވީރު ސިންގުގެ ފިލްމު "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ގެ ހިޓް ލަވަ "ވަޓް ޖުމްކާ؟" އަށް ރަންވީރުގެ އަންހެނުން މަޝްހޫރު ބަތަލާ ދީޕިކާ ޕަދްކޯން އެކްޓްކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ރަންވީރު އިިންސްޓަގްރާމްގައި އާންމުކޮށްފި އެވެ.
މި ވީޑިއޯގައި ފެންނަނީ ދެ މީހުން ކާރުގެ ތެރޭގައި ތިބެގެން އެކްޓްކުރާ ތަނެވެ. އަދި ފިލްމުގެ ޑައިލޮގްތަކެއް ރަންވީރު ފަހަތުން ދީޕިކާ ކިޔާ ތަން ވެސް ފެނެ އެވެ. ވީޑިއޯ ނިމޭ އިރު، ދީޕިކާ ބުނީ ރަންވީރުހާ މޮޅަށް އެކަން އެހެން މީހަކަށް ނުކުރެވޭ ކަމަށެވެ. މި ވީޑިއޯ އަކީ ދީޕިކާ ގޮވައިގެން ފިލްމު ބަލަން ރަންވީރު ރޭ ގޮސްފައި އާންމުކުރި ވީޑިއޯއެކެވެ. ވީޑިއޯގެ ކެޕްޝަންގައި ރަންވީރު ލިޔެފައި ވަނީ "އަންހެނުންނަށް ފިލްމު ވަރަށް ކަމުދިޔަ" ކަމަށެވެ.
އެ ދެމަފިރިން ފިލްމު ބަަލަން ގޮސް އުޅެނިކޮށް ނަގާފައިވާ ފޮޓޯތަކެއް ވެސް ބައެއް މީޑިއާރަކުން ގެނެސްދީފައިވެ އެވެ.
މިދިޔަ ހުކުރު ދުވަހު ސިނަމާތަކަށް ގެނައި "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" އަކި ކަރަން ޖޯހަރް ޑައިރެކްޓްކުރި ރޮމޭންޓިކް ކޮމެޑީއެކެވެ. މީގެ ބަތަލާގެ ރޯލު ރަންވީރާ އެކީ ކުޅުނީ ދީޕިކާގެ ކުރީގެ ލޯބިވެރިޔާ އެކްޓަރު ރަންބީރް ކަޕޫރްގެ އަންހެނުން އާލިއާ ބަޓެވެ.