Last Updated: June 7, 06:04
Sunday, June 7, 2026
ޚަބަރު

ފުލުހުންގެ ވަޒީފާއަށް އައްޑޫން މީހުން ހޯދަނީ

ޕޮލިސް ކޮންސްޓެބިއުލަރީ ފުލުހުން ހުވައި ކުރުމުގެ ތެރެއިން/ ފޮޓޯ: ޕޮލިސް

އައްޑޫގައި މަސައްކަތް ކުރާ ގޮތަށް ފުލުހުންގެ ސްޕެޝަލް ކޮންސްޓެބިއުލަރީ ވަޒީފާއަށް ހުށަހެޅުމުގެ ފުރުސަތު ދިވެހި ފުލުހުންގެ ޚިދުމަތުން ހުޅުވާލައިފިއެވެ.

ފުލުހުންގެ ސްޕްޝަލް ކޮންސްޓެބިއުލަރީ ވަޒީފާއަށް ހޮވޭ ފަރާތްތަކަށް މުސާރައިގެ ގޮތުގައި 14،421ރ. ދެނެ ކަމަށް ފުލުހުން ކޮށްފައިވާ އިއުލާނުގައި ބުނެފައިވެއެވެ. އަދި މި މަަޤާމަށް އުމުރުން 18 އަހަރާއި 39 އަހަރާއި ދެމެދުގެ ފަރާތްތަކަށް ކުރިމަތިލެވޭނެ ކަމަށް ފުލުހުން ކޮށްފައިވާ އިއުލާނުގައި ބުނެފައިވެއެވެ. މި މަޤާމަށް ނަގާނެ އަދަދެއް ފުލުހުން ހާމަކޮށްފައި ނުވެއެވެ.

މި މަޤާމައް ކުރިމަތިލާ ފަރާތްތަކުގެ ޝަރުތު ތަކުގެ ތެރޭގައި، ފިރިހެނެއްނަމަ އިސްކޮޅު 5 ފޫޓު 3 އިންޗި އަދި އަންހެނެއްނަމަ އިސްކޮޅު 5 ފޫޓަށްވުރެ ކުރުނުވުން ހިމެނެއެވެ. އަދި ވަޒީފާއަށް ކުރިމަތިލާ ފަރާތަކީ އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން، ނުވަތަ ވައްކަން، ޓެކުން، މަކަރާއި ޙީލަތް، މަސްތުވާތަކެތި ބޭނުންކުރުން، ނުވަތަ މަސްތުވާތަކެތީގެ ވިޔަފާރިކުރުން، އަދި ޚިޔާނާތް ފަދަ ކުށެއް ކުރިކަން ވޭތުވެދިޔަ 5 އަހަރުދުވަހުގެ ތެރޭގައި ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން ހިމެނެއެވެ. މީގެ އިތުރުން ވޭތުވެ ދިޔަ 5 އަހަރު ތެރޭގައި މަސްތުވާތަކެއްޗަށް ފަރުވާ ހޯދާފައިވާ މީހަކަށް ނުވުމަށް ވެސް ވަނީ ހިމަނާފައެވެ.

މީގެ އިތުރުން ސިޔާސީ ޕާޓީއެއްގައި ރެޖިސްޓްރީ ވެފައިވާ ފަރާތެއް ނަމަ، ވަޒީފާ ހަމަޖެހުމުން ޕާޓީން އުނިވާން ޖެހޭނެ ކަމަށް ވަނީ ޝަރުތުކޮށްފައެވެ. މީގެ އިތުރުން މި މަޤާމަށް ދެވޭ ތަމްރީނު ފުރިހަމަ ކުރެވޭ ދުޅަހެޔޮ ހަށިހެޔޮ ފަރާތަކަށް ވުން ވެސް ވަނީ ޝަރުތަތަކުގެ ތެރޭގައި ހިމެނެއެވެ.

ސްޕެޝަލް ކޮންސްޓެބިއުލަރީ މަޤާމަށް ހުށަހެޅުމުގެ އެންމެ ފަހު ފުރުސަތަކީ އޯގަސްޓް މަހުގެ 7 ވަނަ ދުވަހުގެ 16:00 ގެ ކުރިންނެވެ. އަދި ވަޒީފާއަށް އެދޭ ފަރާތްތަކުން އައްޑޫގެ ޕޮލިސް ސްޓޭޝަންތަކަށް ނުވަތަ ފުލުހުންގެ އައްޑޫ ތަމްރީނު މަރުކަޒަށްވެސް ފޯމު ހުށަހެޅޭނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.