Last Updated: July 25, 06:01
Saturday, July 25, 2026
މުނިފޫހިފިލުވުން

ސެލީނާ ނޫސްވެރިއަކަށް ދައުވާ ކުރަނީ

އަބުރަށް ހުތުރުވާ ފަދަ ވާހަކަތަކެއް ފަތުރާފައިވާތީ ޕާކިސްތާންގެ ނޫސްވެރިއަކާ ދެކޮޅަށް އިންޑިއާގެ ކުރީގެ ބަތަލާ ސެލީނާ ޖެއިޓްލީ ދައުވާކުރަން ނިންމައިފި އެވެ.

ދުބާއީގެ ވިޔަފާވެރިއަކާ ކައިވެނިކޮށް އެތަނުގައި މިހާރު ދިރިއުޅެމުން އަންނަ ސެލީނާ ބުނި ގޮތުގައި އޭނަ ދައުވާކުރަން ނިންމީ އުމައިރު ސަންދޫ ކިޔާ މީހެއްގެ މައްޗަށެވެ. ޓްވިޓާގައި އޭނަ އާންމުކުރި ދިގު ޕޯސްޓެއްގައި ބުނީ އޭނަ ބޮލީވުޑަށް ނުކުތް ފިލްމު 2003 ގެ "ޖާނަޝީން" ގެ އެކްޓަރު ފަރުދީން ޚާނާއި އެ ފިލްމު ޑައިރެކްޓްކުރި ފަރުދީންގެ ބައްޕަ ފީރޯޒް ޚާނާ އެކީ ނާޖާއީޒު ގުޅުންތަކެއް ބޭއްވި ކަމަށް ބުނެ އަބުރަށް، ޕާކިސްތާންގެ ނޫސްވެރިޔާ އަރައިގެންފައިވާ ކަމަށެވެ.

އުމަރު ކުރި ޓްވީޓްތަކެއްގައި ވަނީ ފިިލްމުން ފުރުސަތު ހޯދަން ސެލީނާ ފަރުދީންގެ ދެބަފައިންނާ ލޯބީގެ ގުޅުމެއް ބާއްވައި އެ މީހުންނާ އެކީ ޖިންސީ ގުޅުންތަކެއް ވެސް ހިންގާފައިވާ ކަމަށް ބުނެފައިވެ އެވެ.

ސެލީނާއާ ބެހޭ ގޮތުން ފެތުރި މި ވާހަތަކާ ގުޅިގެން އުމައިރަށް ދައުވާކުރަން ނިންމި އިރު، އިންޑިއާގެ ކަމާބެހޭ އިދާރާތަކުގެ ސަމާލު ކަމަށް ވެސް މިކަން ގެނެސްފައިވެ އެވެ. އަދި ސެލީނާ އަށް މިކަމަށް ވަރަށް ފަރާތްތަކެއްގެ އެއްބާރުލުމާއި އެހީތެރިކަން އަލިބެމުން އަންނަ ކަމަށް ވެސް ބުނެފައިވެ އެވެ. އޭގެ ތެރޭގައި އިންޑިއާގެ ފޮރިން މިނިސްޓްރީ އާއި އަންހެނުންގެ ހައްގުތަކަށް ވަކާލާތުކުރާ ޖަމިއްޔާއެއް ކަމަށްވާ ނެޝަނަލް ކޮމިޝަން ފޯ ވިމެން (އެންސީޑަބްލިއު) ހިމެނެ އެވެ.

މިހާރު ތިން ކުދިން ތިބި ސެލީނާ، 41، އަކީ ކުރީގެ މިސް އިންޑިއާއެކެވެ. އޭނަ އެންމެ ފަހުން ކުޅުނު ފިލްމަކީ ޒީ5 ގެ 2020 ގެ ކުރު ފިލްމު "ސީޒަން ގްރީޓިންސް" އެވެ. ސެލީނާ ކުޅުނު ފިލްމުތަކުގެ ތެރޭގައި "ނޯ އެންޓްރީ"، "ގޯލްމާލް ރިޓާންސް"، "ތޭންކް ޔޫ"، "ޓޮމް، ޑިކް އެންޑް ހެރީ" އަދި "ހެލޯ ޑާލިން" ހިމެނެ އެވެ.