Last Updated: July 25, 06:01
Saturday, July 25, 2026
މުނިފޫހިފިލުވުން

ކާންތާ؛ ކުރިން ނުފެންނަ ކަހަލަ އެއްޗެއް

މީގެ ކުރިން އިންޑިއާގެ ސިނެމާއިން ފެނިފައި ނިވާ ކަހަލަ ވަރަށް ތަފާތު ފިލްމެއް ގެނެސްދޭން އުޅޭ ކަމަށް ބުނެ އޭގެ ފަސްޓްލުކް ޕޯސްޓަރު ދައްކާލައިފި އެވެ.

އެ ގައުމުގައި ވާހަކަ ދައްކައި އުޅޭ މައިގަނޑު ބަސްތަކުން ގެނެސްދޭން ނިންމާފައިވާ ފިލްމުގެ ނަމަކީ "ކާންތާ" އެވެ. މީގެ ކަޅާއި ހުދުގެ ފަސްޓްލުކް ޕޯސްޓަރުން ފެންނަނީ ބިޔަ ޝެންޑިއާގެ ދަށުގައި ފުރަގަހަށް އެކްޓަރ ދަލްގޫރް ސަލްމާން ހުއްޓިގެން ހުންނަ ތަނެވެ.

އޭނަ ލީޑް ރޯލު ކުޅޭ "ކާންތާ" އަކީ "ބާހްބަލީ" ގައި ބައްލާދޭވްގެ ރޯލު ކުޅުނު ރާނާ ދަގޫބަތީ ޕްރޮޑިއުސަރެއްގެ ގޮތުގައި ހިއްސާވެ، ސެލްވަމާނީ ސެލްވަރާޖް ލިޔެ، ޑައިރެކްޓްކުރާ ފިލްމެކެވެ. އަދި މީގެ ޕްރޮޑިއުސަރެއްގެ ގޮތުގައި ދަލްގޫރް ވެސް ހިއްސާވެ އެވެ.

މިއާ ބެހޭ ގޮތުން ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ އެކްޓަރު ބުނީ "ކާންތާ" ހާއްސަވާ އެންމެ ބޮޑު ސަބަބަކީ މީގެ ކުރިން ހިންދީ ސިނަމާ އިން ބެލުންތެރިން ތަޖުރިބާ ނުކުރާ ކަހަލަ ފިލްމަކަށް އެ ވުން ކަމަށެވެ. އަދި މީގައި ހިއްސާވުމަކީ ކެރިއަރަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް މަޝްހޫރު މަލަޔާޅަމް އެކްޓަރު މަމޫޓީގެ ދަރިފުޅު ބުންޏެވެ.

ފިލްމުގެ ޑައިރެކްޓަރު ބުނި ގޮތުގައި ރާނާ އާއި ދަލްގޫރާ ގުޅިގެން ހަދާ "ކާންތާ" އަކީ އޭނަގެ ޑްރީމް ޕްރޮޖެކްޓެކެވެ. އަދި އެ ދެ މީހުންނާ ހިއްސާވެގެން މި ހަދަން މަގުފަހިވުމަށް ވުރެ ބޮޑު އުފަލެއް ނެތް ކަމަށް ބުންޏެވެ.

"ކާންތާ" ބެލުންތެރިންނަށް ގެނެސްދޭނެ އިރެއް އަދި އިއުލާނެއް ނުކުރެ އެވެ.

"ޗުޕް: ރިވެންޖް އޮފް ދި އާޓިސްޓް" "ދަ ޒޯޔާ ފެކްޓާ" ފަދަ ހިންދީ ފިލްމުތަކުން ވެސް ފެނިފައިވާ ދަލްގޫރްގެ ކުރިއަށް އޮތް ޕްރޮޖެކްޓަކީ އަންނަ މަހުގެ 18 ގައި ނެޓްފްލިކްސް އިން ޕްރީމިއާކުރަން ހަމަޖެހިފައިވާ ވެބް ސީރީޒް "ގަންސް އެންޑް ގުލާބްސް" އެވެ. މިދިޔަ އަހަރުގެ ކާމިޔާބު "ސީތާ ރަމަން" ގެ ބަތަލުގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ކިންގް އޮފް ކޯތާ" އަދި "ލަކީ ބަކްޝަރު" ހިމެނެ އެވެ.