Last Updated: July 25, 06:01
Saturday, July 25, 2026
މުނިފޫހިފިލުވުން

ކަންގަނާ އަނެއްކާ ވެސް ކަރަންއާ ޖައްސާލައިފި

ދޭތެރެ ދޭތެރެ އިން ޑައިރެކްޓަރު ކަރަން ޖޯހަރާ ދިމާކޮށް ބަހުގެ ހަމަލާތައް ދޭ، ބަތަލާ ކަންގަނާ ރަނާވަތު އަނެއްކާ ވެސް ކަރަންއާ ޖައްސާލައިފި އެވެ.

މި ފަހަރު އޭ ވަނީ މިދިޔަ ހުކުރު ދުވަހު ރިލީޒްކޮށް، އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަރަންގެ ފިލްމު "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" އަށް ވަރަށް ބޮޑަށް ފާޑު ކިޔައިފަ އެވެ. މީގެ ދެ ދުވަހެއް ކުރިން އިންސްޓަގްރާމް ސްޓޯރީގައި ކަންގަނާ ވަނީ އެ ފިލްމަކީ ތާކުންތާކު ނުޖެހޭ ކޫސަނީ ފިލްމެއް ކަމަށް ބުނެފަ އެވެ.

އެގޮތުން ބޮޑު ބަޖެޓަކުން ހެދި "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" އަކީ ވާހަކައިގެ ގޮތުން އޮއްޓަރެއް ނެތް، ޑްރާމާ ސިލްސިލާއެއް ފަދަ އުފެއްދުމެއްގެ ގޮތުގައި ސިފަކޮށްފައިވެ އެވެ. އަދި އެ ފިލްމުގައި ދައްކާ އެއްވެސް ކަމަކީ މީހުންގެ ހަގީގީ ދިރިއުޅުމާ އެއްވެސް ގުޅުމެއް ނެތް ފޭކް ކަންތައްތަކެއް ދައްކުވައިދޭ އެއްޗެއް ކަމަށް ބުނެފައިވެ އެވެ.

އެހެންވެ ތަކުރާރުކޮށް އަބަދު އެއް ކަހަލަ އެއްޗެހި ހެދުން ހުއްޓާލައި، ފިލްމު ޑައިރެކްޝަނުން ރިޓަޔާކޮށް، އުފެއްދުންތެރި ޒުވާނުންނަށް ފުރުސަތުތައް ފަހިކޮށް ދޭން ގޮވާލާފައިވެ އެވެ.

މިއަދު ކަންގަނާ އަނެއްކާ ވެސް ވަނީ ފިލްމުތަކަށް ކްރިޓިކުން ރޭޓިންއާ ބެހޭ ގޮތުން ކަރަން ދެއްކި ވާހަކައެއް ވީޑިއޯކޮޅަކާއި "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" އަށް ކްރިޓިކުން ދީފައިވާ ރޭޓިންތަކެއް ހިމެނޭ ފޮޓޯއެއްގެ ސްކްރީންޝޮޓަކާ އެކީ ސޯޝަލް މީޑިއާގައި ކަރަން އަށް އެއްޗެހި ކިޔައިފަ އެވެ.


އެ ޕޯސްޓްގައި ކަންގަނާ ބުނީ ކަރަން އަކީ އޭނަގެ ބައްޕަ ކުރީގެ ޕްރޮޑިއުސަރު ޔާޝް ޖޯހަރްގެ ފަރާތުން ބޮޑު ފިލްމު ކުންފުންޏެއް ވާރުތަވެފައިވާ މީހެއް ކަމަށާއި އޭނަ އަށް ކިތަންމެހާ ވަރަކަށް ވެސް ފިލްމު ހަދަން އިންވެސްޓްކުރެވިދާނެ ކަމަށާއި ބޭނުން ކޮންމެ ކަމެއް ވެސް ފައިސާ އިން ހާސިލު ކުރެވިދާނެ ކަމަށެވެ. އެހެންވެ ފައިސާ ދީފައި ކާމިޔާބު ގަތަސް، އެހެން މީހުން ދަށްކޮށްލަން ކަންކަން ނުރުމަށް އެދޭ ކަމަށް ކަންގަނާގެ ޕޯސްޓްގައި ބުނެފައިވެ އެވެ.

އޭނަ ބުނި ގޮތުގައި އިިންޑަސްޓްރީގައި ގަނަތެޅޭ އޭނަ ފަދަ މީސްމީހުން ފިލްމެއް ހަދަން ޖެހުނަސް އެކަން ކުރަން ޖެހެނީ އަމިއްލަ ގެ ފަދަ ތަންތަން މޯގޭޖްކޮށްފައި ކަމަށާއި އިންވެސްޓްކޮށް ދޭނެ ބަޔަކު ނުވާ ކަމަށެވެ. ކަންގަނާ ބުނި ގޮތުގައި އޭނަ ޑައިރެކްޓްކޮށް ކުޅުނު 2019 ގެ ފިލްމު "މަނިކަރްނިކާ: ދި ކްއީން އޮފް ޖާންސީ" ކިތަންމެ ކާމިޔާބަސް ދެވަނަ އަށް ޑައިރެކްޓްކޮށް ކުޅުނު އަދި މި އަހަރުގެ ޑިސެމްބަރުގައި ގެނެސްދޭން ހަމަޖެހިފައިވާ އާދައިގެ ބަޖެޓަކުން ހެދި "އިމަޖެންސީ" އަކީ ވެސް ވަރަށް ހާލުން ހެދި ފިލްމެކެވެ.

ދޭތެރެ ދޭތެރެ އިން ކަރަން އާއި އިންޑަސްޓްރީގެ މަޝްހޫރު މީސްމީހުންނާ ބެހޭ ގޮތުން ކަންގަނާ ހިތުހުރިހާ އެއްޗެއް ކިޔަސް، އޭނަ ދައްކާ ވާހަކަތަކަށް އެފަދަ މީހުން މާ ބޮޑު ސަމާލުކަމެއް ފަހަކުން ނުދެ އެވެ.