Last Updated: May 19, 21:03
Sunday, May 19, 2024
ރިޕޯޓް

ކަނޑާ ކޮންމެ ގަހަކަށް ދެ ގަސް އިންދާނެ

މަރަދޫ ޖަސްޓީ ކައިރިން ގަހެއް ކަނޑާލަނީ

އައްޑޫ މަގު ހެދުމުގެ މަޝްޜޫޢުއަކީ މިވީހާތަނަށް އައްޑޫގެ އަވަށްތަކުގައި ކުރިއަށް ގެންދެވޭ ޢުމްރާނީ ތަރައްޤީގެ އެންމެ ބޮޑު އެއް މަޝްރޫޢުއެވެ. ޒަމާނީ ފެންވަރަށް މަގުތައް ހެދުމަކީ، މި ސިޓީގެ ރައްޔިތުންގެ ވަރަށް ބޮޑު އެދުމެކެވެ. އެއީ ޗަކަ ވަޅުގަނޑުތައް ގިނަ ވެލި މަގުތަކުން، ވިއްސާރަ ވެލާއިރަށް ގޭގެއަށް ފެން ވަދެ، ހިނގާ ބިނގާ އުޅެން ދަތިވާ މަގުތަކެކެވެ.

އެ މަގުތައް ތަރައްޤީ ކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، މަގުތަކުގައި ހުރި ހިޔާ ލިބޭ ގަސްތައް ކެނޑުމަކީ ގިނަ ބައެއްގެ ކަންބޮޑުވުމެކެވެ. މީގެ ކުރިންވެސް އައްޑޫގައި ކުރިއަށް ގެންދެވުނު މަގު ހެދުމުގެ މަޝްރޫޢު ތަކުގައި މިކަން ވަނީ ބައެއް ފަރާތްތަކުން ފާހަގަކޮށްފައެވެ. މިގޮތުން އަވަށްތަކުގެ ބޮޑު މަގު ތާރުއެޅިއިރު، ގަސްތައް ކަނޑާލުން މީގެ މިސާލަކަށް ފުދެއެވެ.

މިގޮތުން މިހާރު ކުރިއަށްދާ އައްޑޫ މަގު ހެދުމުގެ މަޝްރޫޢުގެ ތެރެއިން، ހިތަދޫގެ ބޮޑެތި ބައެއް މަގުތަކުގައި ހުރި ހިޔާދޭ ބޮޑެތި ގަސްތައް ވަނީ ކަނޑާފައެވެ. އެގޮތުން ހިތަދޫގެ ޝަރަފުއްދީން ސްކޫލު މަގާއި، އޮޑަށްސަލި މަގުގެ އިތުރުންވެސް ރަށުތެރޭ ބައެއް މަގުތަކުގައި ހުރި ގަސްތައް ވަނީ ނަގާފައެވެ. މީގެ އިތުރުންވެސް މަގުގެ ޑްރެއިން ހެދުމަށާއި، ޖަންކްޝަންތައް ހެދުމަށް މަގުތަކުގައި ހުރި ބޮޑެތި ގަސްތައް ނަގާފައި އެބަހުއްޓެވެ.

މިކަމާއި ގުޅޭގޮތުން ސުވާލު ކުރުމުން އައްޑޫސިޓީ މޭޔަރ އަލީ ނިޒާރު ވިދާޅުވީ، ގަސް ނުކަނޑާ މަސައްކަތް ކުރިއަށް ގެންދެވޭނެ ގޮތެއް އޮތީއްޔާ އެގޮތަށް ކުރިއަށްދާ ކަމަށެވެ.

"ގަސް ނުކަނޑާ ކުރިއަށް ގެންދެވެން އޮތް ހުރިހާ ގޮތަކަށް އެބަ ހަދާ. ޑްރެއިނޭޖް ޑައިވާޓްވެސް ކޮށްފަ އެބަހުރި، ގަސް ނުކަނޑަންވެގެން " ނިޒާރު ވިދާޅުވިއެވެ.

އެންމެފަހުން ގަސްތަކެއް ކަނޑާފައިވަނީ މަރަދޫ ޖަސްޓީ ސަރަހައްދުންނެވެ. މި ސަރަހައްދުން ގަސް ކެނޑުމާއި ގުޅިގެން ބައެއް ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. މިކަމާއި ގުޅިގެން ސުވާލުކޮށްލުމުން ޕްލޭނިންގް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަބްދުﷲ ސޯދިޤްވެސް ވަނީ އެހެން ގޮތެއް ނެތިގެން ނޫނީ ގަސް ނުކަނޑާނެ ކަމަށް ވިދާޅުވިއެވެ.

" ކަނޑާ ކޮންމެ ގަހަކަށް ކޮންޓްރެކްޓަރ 2 ގަސް އިންދާ ގޮތަށް މަސައްކަތް ކުރިއަށް ގެންދަނީ. އެ މަސައްކަތް ކުރިއަށް ގެންދަނީ އެއްވެސް ގަހެއް ނުކަނޑާ ވަންޏާ، ނުކަނޑާ ގޮތަށް " ސޯބެ ވިދާޅިވިއެވެ.

ސޯބެ ވަނީ މަރަދޫގެ މި ސަރަހައްދުންވެސް ހުރިހާ ގަހެއް ނުކަނޑާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ. އެގޮތުން މި ސަރަހައްދުން ކަނޑަން ޖެހެނީ އެންމެ 3 ގަސް ކަމަށް ވިދާޅުވިއެވެ.

އައްޑޫ މަގު ހެދުމުގެ މަޝްރޫޢޫ ނިމެންދާއިރު، ބައެއް މަގުތަކުގައި ގްރީން އޭރިއާ ވަނީ ކަނޑައެޅިފައެވެ. އެގޮތުން ޖީކޭޑީން ތަރައްޤީ ކުރާ މަގުތަކުގައި ގްރީން އެރިއާތަކެއް ހިމެނިފައެވެ. އެ ސަރަހައްދުތަކުގައި ހިޔާ ދޭ ގަސްތަކެއް ޖެހުމުގެ ވިސްނުން މިހާރުއްސުރެވެސް ގެންގުޅެން ޖެހެއެވެ. މަގުތަކުގައި ޖެހުމަށް އެކަށީގެންވާ ގަސްތަކެވެ.

މީގެ އިތުރުން މަގުތައް މިހާރު ހުރިގޮތަށް ދޫކޮށް ނުލައި ކޮންމެވެސް ވަރަށް ފެހި ކުރެވޭ ގޮތް ވުމަކީވެސް އައްޑޫގެ އާބަން ތަރައްޤީއަށް މުހިންމު ކަމެއްގެ ގޮތުގައި ބައެއް ރައްޔިތުން ވަނީ މީގެ ކުރިން ފާހަގަކޮށްފައެވެ.