މަޝްވަރާ ކުރެވުނަސް ޕީއެންސީއިން ވަކި ކެންޑިޑޭޓެއް ނެރެން ނިންމާފައި ނުވާކަމަށް ޕީޕީއެމުން ބުނެފިއެވެ.
ޕީއެންސީގެ ފަރާތުން ކެންޑިޑޭޓެއް ނެރެން ނިންމާފައިވާ ކަމަށް ބައެއް މީޑިއާތަކުން މިއަދު ރިޕޯޓު ކުރިއެވެ. އަދި މި ދެޕާޓީގެ ލީޑާޝިޕަށް ނިސްބަތްވާ ބައެއް ބޭފުޅުން، މިކަމުގެ މަޝްވަރާތައްވެސް ކުރިއަށް ދިޔަކަން މީޑިއާތަކަށް ވަނީ ކަަށަވަރުކޮށްދީފައެވެ.
އެއް ލީޑާޝިޕެއްގެ ދަށުން ހިންގާ މި ދެ ޕާޓީގެ ފަރާތުން ރައީސް ޔާމީންގެ އިންތިހާބީ އޭޖެންޓު މުހައްމަދު ތޮލާލް ވިދާޅުވީ، އަދި ވަކި ކެންޑިޑޭޓެއް ނެރުމަށް ނުނިންމާ ކަމަށެވެ. ނަމަވެސް ތޮލާލްވެސް ވަނީ ދެ ޕާޓީގެ ލީޑާޝިޕްގައި މަޝްވަރާ ކުރެވުނުކަން ކަށަވަރުކޮށްދީފައެވެ.
ބެލެވޭ ގޮތުން މިމަޝްވަރާތަކަކީ ޔާމީންއަށް ވާދަ ނުކުރެވޭ ހާލަތަކަށް ބަލައި އިތުރު ކެންޑިޑޭޓެއް ނެރުމަށް ކުރެވުނު މަޝްވަރާތަކަކެވެ.
މިކަމުގައި ޕީޕީއެމުން މިއަދު ބުނީ، މަޝްވަރާތަކަށް ފަހު އިތުރު ކެންޑިޑޭޓެއް ނެރުމުގެ އިހުތިޔާރު ކޯލިޝަންގެ ލީޑަރ އަދި ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީންނަށް ދޭން ނިންމާފައިވާ ކަމަށެވެ. އަދި ދެ ޕާޓީގެ ވެސް މުހިންމު ނިންމުންތައް ނިންމާނީ ޔާމީންގެ މަޝްވަރާގެ މަތިން ކަމަށް ވަނީ ބުނެފައެވެ.
ޕީޕީއެމުން ވަނީ ރައީސް ޔާމީންގެ ކެންޑިޑެސީ މާދަމާ 10 ޖަހާކަށް ހާއިރު ހުށަހަޅަން ނިންމާފައެވެ. ރަނިންގް މޭޓަކީ ޑރ. މުހައްމަދު ޖަމީލް އަހުމަދެވެ.
މިވަގުތު 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ ރައީސް ޔާމީނަށް ކުރިމަތި ލެވުމާއި މެދު ވަނީ ސުވާލު އުފެދިފައެވެ. ހުކުމް ދެމި އޮވެ އިލެކްޝަނުން ފޯމު ބަލައިގަތުން ދުރެވެ.