Last Updated: July 25, 06:01
Saturday, July 25, 2026
މުނިފޫހިފިލުވުން

ބޮބީ "ވެލްކަމް 3" އަށް ސޮއިކޮށްފި

ބޮލީވުޑްގެ ކާމިޔާބު ފްރެންޗައިޒް "ވެލްކަމް" ގެ ތިން ވަނަ ބައިގެ ރޯލަށް ބޮބީ ޑިއޯލް ވެސް ސޮއިކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މި ފިލްމުގެ ކާސްޓާ ބެހޭ ވަރަށް ގިނަ ވާހަކަތަކެއް މި ދުވަސްކޮޅު އަންނަނީ ދެކެވެމުންނެވެ. އެގޮތުން "ވެލްކަމް" އާއި "ވެލްކަމް ބެކް" ގައި މުހިއްމު ރޯލުތަކެއް ކުޅުނު އަނިލް ކަޕޫރާއި ނާނާ ޕަޓޭކަރްގެ ބަދަލުގައި "ވެލްކަމް 3" އަށް ސަންޖޭ ދަތާއި ސުނިލް ޝެޓީގެ އިތުރުން އަރުޝަދު ވަރްސީ ސޮއިކޮށްފައިވާ ކަމަށް މީޑިއާތަކުން ބުނެފައިވެ އެވެ.

އެކަމަކު ކުރީގެ ދެ ފިލްމެކޭ އެއްގޮތަށް ތިން ވަނަ ބައިގައި ވެސް އަކްޝޭ ކުމާރު ހިމެނޭނެ އެވެ.

"ވެލްކަމް 3" އަށް ބޮބީ ވެސް ސޮއިކޮށްފައިވާ ކަމަށް ބުނެ ވާހަކަތަކެއް ދެކެވެމުން ދިޔަ ނަމަވެސް މި ފިލްމުގެ ޓީމުން އަދި އެކަން ކަށަވަރުކޮށް ދީފައެއް ނުވެ އެވެ. މީގެ ޕްރޮޑިއުސަރަކީ ފީރޯޒް ނަދިއަދުވާލާ އެވެ. އަދި ކުރީގެ ދެ ފިލްމު ލިޔެ، ޑައިރެކްޓްކުފީ އަނީސް ބަޒްމީ އެވެ.

މިދިޔަ އަހަރު "ބޫލްބުލައްޔާ 2" ގެނެސްދިން ޑައިރެކްޓަރު މިހާރު ޝާހިދު ކަޕޫރާ އެކީ މި މަހުގެ ތެރޭގައި ފިލްމެއް ހެދުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުންނެވެ. އަދި "ބޫލްބުލައްޔާ 3" އަކީ ވެސް އަނީސް އަންނަ އަހަރަށް ހަދަން ޖެހޭ ފިލްމެކެވެ.

މީޑިއާތަކުން ބުނި ގޮތުގައި "ވެލްކަމް 3" ގެ ޝޫޓިން ފަށާނީ އަންނަ އަހަރުގެ ތެރޭގަ އެވެ. އަދި މިއިން މަޝްހޫރު ފަސް ބަތަލާއަކު ވެސް ފެންނާނެ އެވެ.

"ވެލްކަމް" 2007 ގައި ގެނެސްދިނުމަށް ފަހު "ވެލްކަމް ބެކް" ރިލީޒްކުރީ 2015 ގަ އެވެ.