Last Updated: July 25, 06:01
Saturday, July 25, 2026
މުނިފޫހިފިލުވުން

ސެލީން ވަރަށް ބަލި

މަޝްހޫރު ފިލްމު "ޓައިޓޭނިކް" ގެ ތީމް ލަވަ "މައި ހާޓް ވިލް ގޯ އޯން" ފަދަ މަޝްހޫރު އެތައް ލަވައެއް ކިޔާފައިވާ ކެނެޑާ ލަވަކިޔުންތެރިޔާ ސެލީން ޑިއޯން މިހާރު ވަރަށް ބަލި ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ދިމާވެފައިވާ ސިއްހީ މައްސަލަތަކާ ހެދި އޭނަ ފަށާފައި އޮތް ޓުއާ ވެސް ކެންސަލްކޮށްފައިވެ އެވެ. މި އަހަރުގެ މެއި ސެލީން ނެރެފައިވާ ބަޔާނެއްގައި ސިއްހީ ހާލަތު ހުރި ގޮތުން ޓުއާ ކެންސަލްކޮށް، ފަރުވާ އަށް ވަގުތު ދޭން ޖެހިފައިވާތީ އެކަމަށް ފޭނުންގެ ފަރާތުން މައާފަށް ވެސް އެދިފައިވެ އެވެ.

ސެލީން، 55، އަށް ދިމާވެފައިވާ އެންމެ ބޮޑު ސިއްހޫީ މައްސަލަ އަކީ ސްޓިޕް-ޕާސަން ސްންޑްރޯމް އެވެ. ސިއްހީ މައްސަލަތަކާ ހެދި ވަރަށް ބޮޑަށް އަނަރަފޫވެ، އޭނަގެ ހާލަތާ މެދު ވަރަށް ގިނަ ބަޔަކު މި ފަހުން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ. މިއާ އެކީ މިއަދުގެ ވަގުތެއްގައި ސެލީން މަރުވެއްޖެކަމުގެ އަޑުތަކެއް ވެސް ސޯޝަލް މީޑިއާގައި އެރި އެވެ. ނަމަވެސް ސެލީން މަރުވެއްޖެ ކަމަށް ބުނާ ވާހަކަތަކުގައި އެއްވެސް ހަގީގަތެއް ނެތެވެ

މީގެ ކުރިން ވެސް މިފަދަ ވާހަކަތަކެއް މަޝްހޫރު ބައެއް ސެލެބްރިޓީންނާ ގުޅޭ ގޮތުން ދެކެވިފައިވެ އެވެ.

ސެލީންގެ ހާލަތާ މެދު ފޭނުން ވަރަށް ބޮޑު ކަންބޮޑުވުމެއްގެ ތެރޭގައި ތިބި ހުނަރުވެރި ލަވަކިޔުންތެރިޔާ ދާދި ފަހުން ފިލްމަކުން ވެސް ފެނިފައިވެ އެވެ. އެއީ އިންޑިއާ ބަތަލާ ޕްރިޔަންކާ ޗޯޕްޅާ އާއި ސޭމް ހިއުގަން ލީޑް ރޯލު ކުޅުނު އަދި މެއި 5 ގައި ރިލީޒްކުރި ރޮމޭންޓިކް ކޮމެޑީ "ލަވް އެގެއިން" އިންނެވެ. އޭގައި ސެލީން ކުޅުނުގެ އަމިއްލަ ޝަހުސިއްޔަތުގެ ރޯލެވެ. އެ ފިލްމުގައި އޭނަގެ ލަވަތަކެއް ވެސް ހިމެނެ އެވެ.

ތިން ކުދިންގެ މަންމަ ސެލީން މިހާތަނަށް 27 އަލްބަމް ނެރެފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ އިނގިރޭސި ބަހުން ނެރުނު 12 އަލްބަމަކާއި ފްރާންސް ބަހުން ނެރުނު 15 އަލްބަމެވެ. ސެލީން އެންމެ ފަހުން ނެރުނު އިނގިރޭސި އަލްބަމަކީ 2019 ގެ "ކަރޭޖް" އެވެ.

ސެލީންގެ ފިރިމީހާ ރެނީ އެންޖެލިލް އަކީ މިއުޒިކް ޕްރޮޑިއުސަރެކެވެ. އޭނަ ވަނީ ކެންސަރު ބަލީގައި 2016 ގައި މަރުވެފަ އެވެ.