މިރިޔާސީ އިންތިހާބުގައި ވިސްނުންތެރިކަމާއެކު ވޯޓު ނުލައިފިނަމަ އަނެއްކާވެސް ދާނީ ކުރީ ސަރުކާރުގައި އޮތް އަނިޔާވެރިކަމާއި ބިރުވެރިކަމުގެ ތެރެއަށް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ށ. ނަރުދޫއަށް ވަޑައިގެން ސަޕޯޓަރުންނާ މުހާތަބު ކުރައްވާ ވާހަކަ ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ ނަރުދޫއަކީ ކުޑަ އާބާދީއަކަށްވާތީ ކުރީގެ ސަރުކާރުތަކުން އެކަށީގެންވާ ގޮތެއްގައި މިފަދަ ކުދި ރަށްރަށަށް އަޅާލާފައި ނުވާ ކަމަށެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ނަރުދޫގައި މުޅިއަކު ހިންގާފައިވަނީ ދެ މަޝްރޫއު ކަމަށާއި އެހެންވެ މި ވެރިކަމުގައި ގިނަ މަސައްކަތްތަކެއް ކުރަންޖެހުނު ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ސޯލިހް ވިދާޅުވީ މި ވެރިކަމުގައި ގިނަ ރަށްތަކެއްގައި ރައްޔިތުންނަށް ބޭނުންވެފައިވާ އަސާސީ އަދި އުމްރާނީ ނިގަ މަސައްކަތްތަކެއް ކުރަންޖެހުނު ކަމަށެވެ.
ރައީސް ސޯލިހް ވިދާޅުވީ ރާއްޖެއަށް ބަދަލެއް ގެނެވޭނީ މުޅި ރާއްޖެއަށް އިންގިލާބީ ބަދަލެއް ގެނެސްގެން ކަމަށާއި، ވަކި ރަށެއްގައި ވަކިބަޔަކަށް އެކަނި ކަމެއް ކޮށްގެން މުޅި ރައްޖެއަށް އެ ބަދަލު ނާންނަ ކަމަށެވެ.
"މިއަދު ތިބޭފުޅުންނަށް އަރާ ކޮންމެ ރަށަކުން ތިޔަ ފެނިވަޑައިގަންނަވަނީ އެ ބަދަލު ގެނައުމަށް އަޅުގަނޑުމެން ކުރާ މަސައްކަތް. ކުރިއަށް މިއޮތް 3، 4 އަހަރުގެ ތެރޭގައި މި ބަދަލު މުޅި ރާއްޖެއިން ފެނިގެންދާނެ." ރައީސް ސޯލިހް ވިދާޅުވިއެވެ.
މީގެއިތުރުން ރައީސް ސޯލިހް ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ވޯޓަކީ ފެށިފައިހުރި މަސައްކަތްތަކާއެކު ކުރިއަށްދާނީތޯ ނުވަތަ އަނެއްކާވެސް ކުރީ ވެރިކަމުގެ ތާރީހުގެ ތެރެއަށްދާނީތޯ ނިންމާނެ ވޯޓެއް ކަމަށެވެ. އަދިވެސް ވާދަވެރިންނަކީ ޕީޕީއެމް ކަމަށާއި، ވިސްނުންތެރިކަމާއެކު އިންތިހާބުގައި ވޯޓު ނުލައިފިނަމަ އަނެއްކާވެސް ދާންޖެހޭނީ އަނިޔާވެރިކަމާއި ބިރުވެރިކަމުގެ ތެރެއަށް ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.
މީގެއިތުރުން ރައީސް ސޯލިހް ވިދާޅުވީ އެމަނިކުފާނާއެކު އޮތް ބޮޑު ކޯލިޝަނާ އެކީގައި މި އިންތިހާބު އެއްބުރުން ކާމިޔާބު ކުރައްވާނެ ކަމަށެވެ.