ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކެންޑިޑެސީއާމެދު މިއަދު ގޮތެއް ނިންމާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
ރައީސް ޔާމީންގެ ކެންޑިޑެސީ ފޯމް ހުށަހެޅުމުން އެވަގުތު އެތަނުގައި ތިއްބެވި ބޭފުޅުންނާ އަދި މީޑިއާތަކާ ވާހަކަ ދައްކަވަމުން އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ ފޯމުގައި އިދާރީގޮތުން ފުރިހަމަވާންޖެހޭ ބައިތައް ފުރިހަމަ ވެފައިވޭތޯ ޗެކްކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.
ހަބީބް ވިދާޅުވީ ކެންޑިޑެސީ ހުށަހެޅުމުން އެކަމާ މެދު ނިންމިގޮތެއް 48 ގަޑިއިރުގެ ތެރޭގައި އެ ހުށަހެޅި ފަރާތަކަށް އެންގުމަށް ގާނޫނު ލާޒިމު ކުރާ ކަމަށެވެ. އަދި އިލެކްޝަންސް ކޮމިޝަންގެ މެންބަރުން ނިންމާފައިވަނީ 24 ގަޑިއިރު ފުރިހަމަވުމުގެ ކުރިން ކެންޑިޑެސީ ފޯމާމެދު އީސީން ނިންމާގޮތެއް އެންގުމަށް ކަމަށެވެ.
"އަޅުގަނޑުމެން މަސައްކަތް މި ކުރަނީ، އަޅުގަނޑުމެންގެ ލީގަލް ޓީމުގެ ޖަވާބާއެކީ މިއަދުގެ ނިޔަލަށް މިކަން އަޅުގަނޑުމެން ކޮށް ނިންމަން." ހަބީބް ވިދާޅުވިއެވެ.
އިންތިހާބަށް ކުރިމަތިލުމަށް އެދޭމީހާގެ ޤާނޫނީ ޝަރުތުތައް ހަމަވޭތޯ ނުވަތަ ނޫންތޯ އީސީން ބަލާނެކަން ފާހަގަކޮށް ހަބީބް ވިދާޅުވީ އެކަމުގައި އެ ކޮމިޝަންގެ ލީގަލް ޓީމުން ނިންމާ ނިންމުމެއް އަންގާނެ ކަމަށެވެ. އަދި އެކަމުގައި އީސީން ނިންމި ނިންމުމާމެދު ހިތްހަމަނުޖެހޭނަމަ އެކަމެއް ސުޕްރީމް ކޯޓަށް ހުށަހެޅުމުގެ ފުރުސަތު އޮތްކަމަށާއި އެފަދަ މައްސަލަތައް 7 ދުވަހުގެ ތެރޭގައި ސުޕްރީމް ކޯޓުން ނިންމުމަށް ޤާނޫނުގައި ބުނެފައިވާކަމަށެވެ.