އެންމެ ބޮޑު އިންސްޕިރޭޝަނަކީ ކުރީގެ ބަތަލާ ކަރިޝްމާ ކަޕޫރް ކަމަށް ބޮލީވުޑްގެ ޒުވާން ބަތަލާ އަނަންޔާ ޕާންޑޭ ބުނެފި އެވެ.
މީޑިއާއާ ވާހަކަ ދައްކަމުން 24 އަހަރުގެ ބަތަލާ ބުނީ އޭނަ ބޮޑުވަމުން އައި ދުވަސްވަރު އެންމެ ގިނައިން ބެލުނީ ބަތަލާ ކަރީނާ ކަޕޫރްގެ ދައްތަ، ކަރިޝްމާގެ ފިލްމުތައް ކަމަށާއި އަބަދު ކަރިޝްމާ ވަރަށް ކަމުދާ ކަމަށެވެ.
"ހާއްސަކޮށް ކަރިޝްމާގެ ފެޝަން ސްޓައިލް ގެންގުޅޭ ގޮތް އަހަންނަށް ވަރަށް ކަމުދޭ. އެހެންވެ އަބަދު ވެސް ފޮލޯކުރެވޭ ސެލްބްރިޓީ އަކީ އެއީ. ހަގީގަތުގައި އަހަރެންގެ އެންމެ ބޮޑު އިންސްޕިރޭޝަނަކީ އެއީ." އަމިއްލަ ވެނިޓީ ވޭންގެ މޫނުބަލާ ލޯގަނޑުގައި ކަރިޝްމާގެ ފޮޓޯއެއް ވެސް ތަތްކޮށްފައި ހުންނަކަން ފާހަގަކޮށް އަނަންޔާ ބުންޏެވެ.
އެކްޓަރު ޗަންކީ ޕާންޑޭގެ ދަރިފުޅު ބުނިގޮތުގައި ފިލްމު ކުޅޭ މީހުންނަށް ހެދުން އަޅާ ގޮތަކަކީ ވަރަށް މުހިއްމު ކަމެއް ކަމަށް ގަބޫލުކުރާ ކަމަށެވެ. އެގޮތުން ފިލްމެއްގައި ކުޅޭ ކެރެކްޓާއަކަށް މީހާ ހަގީގަތުގައި ހެޔޮވަރު ވަނީ އަޅާ ކޮސްޓިއުމާ އެކީގައި ކަމަށް އަނަންޔާ ބުންޏެވެ.
"އަހަރެންގެ އަމިއްލަ ތަޖުރިބާ އަށް ބަލާ އިރު، ކުޅޭ ކެރެކްޓާއަކަށް އަހަންނަށް އެންމެ ބޮޑަށް ވަދެވެނީ އެ ކޮސްޓިއުމް އެޅީމަ. އެހެން ނޫނީ ވަރަށް އުނދަގޫ ކަމަކަށްވާ، ކެރެކްޓާގެ ތެރެއަށް ވަންނަން." 2019 ގެ "ސްޓޫޑެންޓް އޮފް ދި އިޔާ" އިން ބޮލީވުޑަށް ނިކުތް އުންމީދީ ބަތަލާ ބުންޏެވެ.
މިހާރު އެކްޓަރު އަދިތިޔާ ރޯއި ކަޕޫރާ ރައްޓެހިވެގެން އުޅޭ ކަމަށް އަޑު އަރާފައިވާ އަނަންޔާގެ ކުރިއަށް އޮތް ފިލްމަކީ އަންނަ މަހުގެ 25 ގައި ރިލީޒްކުރާ އަޔޫޝްމަން ކްރާނާގެ "ޑްރީމް ގާލް" އެވެ. މިދިޔަ އަހަރު "ލައިގާ" އާއި "ގެހަރާއިޔާ" އިން ފެނިގެން ދިޔަ ބަތަލާގެ ކުރިއަށް ހުރި ޕްރޮޖެކްޓްތަކުގެ ތެރޭގައި "ކޯ ގަޔޭ ކަހާ ހަމް" އަދި "ކޮންޓްރޯލް" ހިމެނެ އެވެ.