Last Updated: June 6, 20:16
Saturday, June 6, 2026
ޚަބަރު

ވާދަވެރިން އިންތިހާބަށް ކެމްޕޭން ނުކުރާތީ ރައީސްގެ ފާޑުކިޔުން

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް- ފޮޓޯ: އެމްޑީޕީ

ރިޔާސީ އިންތިހާބަށް އިދިކޮޅު ކެންޑިޑޭޓުން ކެމްޕޭން ނުކުރާތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފާދުވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ށ. ފޭދޫއަށް ވަޑައިގެން ސަޕޯޓަރުންނާ މުޚާތަބު ކުރައްވާ ވާހަކަ ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުގައި ކަންކަން ކުރިއަށްގެންދަނީ ޕްލޭންތަކަކާ އެކު ކަމަށާއި ނަތީޖާ ވަރަށް ރަނގަޅު ކަމަށެވެ.

ރައީސް ސޯލިހް ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް އެމްޑީޕީއާއި ކޯލިޝަނުން ނިކުމެ ތިބިއިރު، އެމަނިކުފާނާ އިންތިހާބުގައި ވާދަކުރަންތިބި ކެންޑިޑޭޓުން ކެމްޕޭން ކުރާތަން ނުފެންނަ ކަމަށެވެ.

"ބައެއް ޕާޓީތަކުގައި އަދި ކެންޑިޑޭޓުން ނުނިންމޭ." ރައީސް ސޯލިހް ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބެއްގައި ވާދަކޮށް ރާއްޖޭގެ ވެރިކަމަށް އަންނަން ބޭނުންވާނަމަ ރައްޔިތުންގެ ކައިރިއަށް ގޮސް ރައްޔިތުންގެ އަޑުއަހަންޖެހޭނެ ކަމަށާއި ގޭގައި ކޮޓަރީގައި ތިބެގެން އެކަން ނުކުރެވޭނެ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

ރައީސް ސޯލިހް ވިދާޅުވީ އެމަނިކުފާނުގެ ކުރިއަށްއޮތް 5 އަހަރުގެ ތަރައްގީގެ ޕްލޭންގައި ކަންކަން ހިމަނަނީ ރައްޔިތުންގެ ގާތަށް ގޮސް އެ ރަށްރަށުގެ ރައްޔިތުން ބޭނުންވާ ކަންކަން ސާފުކޮށްގެން ކަމަށެވެ.

"އަޅުގަނޑު ގޮވާލަނީ އަޅުގަނޑުމެންގެ ވާދަވެރިންނަށްވެސް ނުތިއްބަވާ ނިކުމެވަޑައިގެން ކެމްޕޭން ކުރައްވާށޭ. ރައްޔިތުންނާ ކައިރިއަށް ވަޑައިގަންނަވާށޭ. އަޑުއައްސަވާށޭ ރައްޔިތުން ދައްކަވާ ވާހަކަ. ތިހެންތިބެ އަދި ހަދާ މެނިފެސްޓޯއަކުންނެއް ކުރާނެ ފައިދާއެއް ނޯންނާނެ ރަށަކަށް." ރައީސް ސޯލިހް ވިދާޅުވިއެވެ.

ރައްޔިތުންގެ އަޑުއަހައިގެން އެމީހުން އެދޭގޮތަށް މެނިފެސްޓޯ ހަދައިގެން މެނުވީ ރައްޔިތުން ވޯޓު ނުދޭނެ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

އެމަނިކުފާނު މަސައްކަތް ކުރައްވަނީ ރައްޔިތުންގެ އަޑުއަހައިގެންކަން ފާހަގަކޮށް ރައީސް ސޯލިހް ވިދާޅުވީ ކުރިއަށް އޮތް އިންތިހާބުގައި އުފާވެރި އަމާން ރާއްޖެއެއް ހޯދުމަށްޓަކައި ގުޅިފައިވާ ކޯލިޝަނުން ކުރަމުންދާ މަސައްކަތުގައި ބޮޑު އަގުލަބިއްޔަތަކުން އިންތިހާބު ކާމިޔާބު ކުރާނެ ކަމަށެވެ.