ގދ. ތިނަދޫ އިންޑަސްޓްރިއަލް ޒޯންގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް އެ މަސައްކަތް ކުރަމުން އަންނަ އެމްޓީސީސީން ބުނެފިއެވެ.
އެ މަޝްރޫއުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރަމުން އެމްޓީސީސީން ބުނެފައިވަނީ ގދ. ތިނަދޫ އިންޑަސްޓްރިއަލް ޒޯންގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ 61 ޕަސެންޓް ނިމިފައިވާ ކަމަށެވެ.
މީގެއިތުރުން އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގައު އެތުރުމުގެ މަސައްކަތް ނިމިފައިވާ ކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ.
މި މަޝްރޫޢުގެ ދަށުން، 10.6 ހެކްޓަރުގެ ސަރަޙައްދެއްގެ ބިން ހިއްކުމާއި، 1521 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 555 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 166 މީޓަރުގެ ޝީޓް ޕައިލް މަސައްކަތާއި، 4492 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، ބޮލާރޑްއާއި ފެންޑަރާއި ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.