ދެކުނު އިރުމަތީ އޭޝިއާގައި ސަރަހައްދުގައި ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓު ކުރުމަށް، 3 ޤައުމެއްގައި ތިން ރޯޑް ޝޯވް ބޭއްވުމަށް މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރްސީ) އިން ނިންމައިފިއެވެ.
ރާއްޖޭގެ ފަތުރުވެރިކަން މި ސަރަހައްދުގައި ޕްރޮމޯޓު ކުރުމުގެ ގޮތުން ކުރިއަށް ގެންދާ ރޯޑް ޝޯވް ތަކުގެ ތެރެއިން ފުރަތަމަ ރޯޑް ޝޯވް، އިންޑޮނޭޝިއާގެ ޖަކާޓާގައި ވަނީ ކުރިއަށް ގެންގޮސްފައެވެ. މިދިޔަ މަހުގެ 31 ވަނަ ދުވަހު ކުރިއަށް ގެންދެވުނު ރޯޑް ޝޯވް ހަރަކާތުގައި، ޓުއާރ އޮޕަރޭޓަރުންނާއި ޓްރެވެލް އޭޖެންޓުނާއި ގުޅުން ބަދަހިކޮށް، މި ސަރަހައްދަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ އެއް މާކެޓުގެ ގޮތުގައި ދެމެހެއްޓުމަށް ވަނީ މަޝްވަރާ ކުރެވިފައެވެ.
ޖަކާޓާގައި ކުރިއަށް ދިޔަ ރޯޑް ޝޯވްގެ ބައިވެރިންގެ މެދުގައި ހާއްސަ ގުރެއްލައި، އަދާރަން ކްލަބް ރަންނާޅީގައި، 3 ދުވަސް ހުރުމުގެ ފުރުސަތު ވަނީ ބައިވެރިއަކަށް ލިބިފައެވެ.
We've had a wonderful time showcasing the Maldives in Jakarta! Next up, Kuala Lumpur! pic.twitter.com/N9zfOLrjwj
— Visit Maldives (@visitmaldives) July 31, 2023
މި ރޯޑް ޝޯވްގެ އިތުރުން މިމަހުގެ 2 ވަނަ ދުވަހު މެލޭޝިއާގެ ކުއަލަލަމްޕޫރުގައި، އަދި 4 ވަނަ ދުވަހު ތައިލޭންޑުގެ ބެންގްކޮކްގައި ރޯޑް ޝޯވް ކުރިއަށް ގެންދާނެ ކަމަށް އެމްއެމްޕީއާރްސީން ބުނެއެވެ.
ބެންގްކޮކްގައި ބާއްވާ ރޯޑް ޝޯވް އިން ގުރުލައިގެން ހޮވޭ ފަރާތްތަކަށް ޕުލްމަން މޯލްޑިވްސް މާމުޓާ ރިސޯޓުގައި 3 ދުވަސް އަދި އަދާރަން ކްލަބް ރަންނާޅި ރިސޯޓުގައި ތިން ދުވަސް ހޭދަކުރަން ފުރުސަތު ލިބޭނެއެވެ. އަދި މެލޭޝިއާގައި ބާއްވާ ރޯޑް ޝޯވްއިން ފުރަވެރި އައިލޭންޑް ރިސޯޓުގައި 5 ދުވަސް ހޭދަ ކުރުމުގެ ފުރުސަތު ލިބިގެން ދާނެ ކަމަށް އެމްއެމްޕީއާރްސީން ބުނެއެވެ.
ރާއްޖޭގެ ފަރާތުން ބާއްވާ މި ރޯޑް ޝޯވް ތަކުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ 17 ކުންފުންޏަކުން ބައިވެރިވެރިވާ ކަމަށް އެމްއެމްޕީއާރްސީން ބުނެއެވެ. މީގެ ތެރޭގައި ރާއްޖޭގައި ނަންހިނގާ މަޝްހޫރު ކުންފުނިތައް ހިމެނޭއިރު މި ކުންފުނިތަކުން ބައިވެރިވުމަކީ، ދެކުނު އިރުމަތީ އޭޝިއާ މާކެޓަށް ރާއްޖެއިން ދޭ އަހަމީއްޔަތު ދައްކުވައިދޭ ކަމެއް ކަމަށް އެމްއެމްޕީއާރްސީން ޤަބޫލު ކުރެއެވެ.
ދެކުނު އިރުމަތީ އޭޝިއާ މާކެޓަކީ ރާއްޖެއަށް ވަރަށް މުހިންމު މާކެޓެއްގެ ގޮތުގައި އެމްއެމްޕީއާރްސީން ޤަބޫލު ކުރެއެވެ. އެގޮތުން މިއަހަރު މޭއި މަހާއި ހަމައަށް މި މާކެޓުން 24،573 ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކޮށްފައިވެއެވެ. އަދި މި ސަރަހައްދުގައި އިތުރަށް ރާއްޖެ ޕްރޮމޯޓް ކުރުމަށް އައިޓީބީ އޭޝިއާ 2023 އަދި ނަޓަސް ހޮލިޑޭ 2023 ގައި ބައިވެރިވުމަށް ވަނީ ނިންމާފައެވެ.