ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރުތު ހަމަނުވާތީ އެމަނިކުފާނުގެ ކެންޑިޑެސީ ފޯމު ބަލައިނުގަންނަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމި ނިންމުން ސުޕްރީމް ކޯޓަށް ހުށަހެޅުމަށް ތައްޔާރުވަމުންދާ ކަމަށް ޔާމީންގެ ރަނިންމޭޓް އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.
ޖަމީލު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޔާމީންގެ ކެންޑިޑޭސީ ބަލައިނުގަންނަން އިލެކްޝަން ކޮމިޝަނުން ނިންމާފައިވަނީ ގާނޫނީ ގޮތުން ގޯސްކޮށް އަދި ގާނޫނު އަސާސީގެ 109 ވަނަ މާއްދާގެ (ޅ) ނުބައިކޮށް ތަތުބީގުކޮށްގެން ކަމަށެވެ. އަދި ހީކުރި ގޮތަށް އިލެކްޝަންސް ކޮމިޝަން ވަނީ ސަރުކާރުގެ ނުފޫޒްގެ ދަށުގައި ތާށިވެފައި ކަމަށް ޖަމީލު ވިދާޅުވި އެވެ.
"ގާނޫނުގައިވާ ގޮތުގެ މަތިން މައްސަލަ ސްޕްރީމް ކޯޓަށް ހުށަހެޅުމަށް ތައްޔާރު ވަނީ. އިންޝާﷲ ޙައްގަށް ނަޞްރު ލިބޭނެ،" ޖަމީލު ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ޔާމީންގެ ކެންޑިޑެސީ ފޯމް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވަނީ މިއަދުގެ ވަގުތެއްގަ އެވެ.
އިންތިހާބުގައި ބައިވެރިވުމަށް ހުށަހެޅި ފޯމާއި ގުޅޭގޮތުން އީސީން ނިންމާފައިވަނީ ޔާމީނަށް "ރައިސުލްޖުމްހޫރިއްޔާކަމަށް ކުރިމަތިލުމަށް ހުށަހެޅި ހުށަހެޅުން، އިލެކްޝަންސް ކޮމިޝަނުން ޤަބޫލުކުރެވެން ނެތް" ކަމަށެވެ.
އެކަމުގެ ސަބަބެއްގެ ގޮތުން އީސީން ބުނެފައިވަނީ، ޔާމީންގެ މައްޗަށް 11 އަހަރުގެ ހުކުމެއް އައިސްފައިވާއިރު އެ ހުކުމް ތަންފީޒުކޮށް ނިިމިފައިނުވާކަން ހުށަހަޅާފައިވާ ކުށުގެ ރިކޯޑަށް ބެލުމުން އެނގެން އޮންނަ ކަމަށެވެ. އެހެންކަމުން ޤާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ޅ) ގައި ބަޔާންކުރާ ޝަރުތު ރައީސް ޔާމީންގެ ކިބައިގައި ފުރިހަމަ ނުވާ ކަމަށް އީސީން ވަނީ ނިންމައިފަ އެވެ.
ވ. އަތޮޅު އާރަށް ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށްޓަކާ އެ ރަށް ވިއްކައިގެން ލިބުނު އެއް މިލިއަން ޑޮލަރު ލޯންޑާކުރި ކަމުގެ ތުހުމަތުގައި ޔާމީނަށް އިއްވި 11 އަހަރުގެ ޖަލު ހުކުމް ހައިކޯޓުގައި ވަނީ އިސްތިއުނާފްކޮށްފަ އެވެ. ނަމަވެސް މައްސަލަ ބައްލަވާ ބެންޗުގައި އިންނަވާ ފަނޑިޔާރަކު ޗުއްޓީ ނެންގެވުމުން އެ މައްސަލަ މިހާރު ވަނީ މަޑުޖެހިފަ އެވެ.
އިދިކޮޅުން ވަނީ ޔާމީނަށް އިންސާފު ލިބެންދެން ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބު ފަސްކުރުމަށް ވެސް ގޮވާލާފަ އެވެ.