ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ޝަރުތު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ހަމަނުވާކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.
އީސީން ރައީސް ޔާމީންގެ ކެންޑިޑަސީ ބަލައިނުގަތުމަށް ނިންމާފައިވާކަން އެ ކޮމިޝަނުން ވަނީ "އައްޑޫލައިވް"އަށް ކަށަވަރު ކޮށްދީފައެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކެންޑިޑަސީ ފޯމް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވަނީ މިއަދުގެ ވަގުތެއްގައެވެ.
އިންތިހާބުގައި ބައިވެރިވުމަށް ހުށަހެޅި ފޯމާއި ގުޅޭގޮތުން އީސީން ނިންމާފައިވަނީ ރައީސް ޔާމީނަށް "ރައިސުލްޖުމްހޫރިއްޔާކަމަށް ކުރިމަތިލުމަށް ހުށަހެޅި ހުށަހެޅުން، އިލެކްޝަންސް ކޮމިޝަނުން ޤަބޫލުކުރެވެން ނެތް" ކަމަށެވެ.
އެކަމުގެ ސަބަބެއްގެ ގޮތުން އީސީން ބުނެފައިވަނީ، ރައީސް ޔާމީންގެ މައްޗަށް 11 އަހަރުގެ ހުކުމެއް އައިސްފައިވާއިރު އެ ހުކުމް ތަންފީޒުކޮށް ނިިމިފައިނުވާކަން ހުށަހަޅާފައިވާ ކުށުގެ ރިކޯޑަށް ބެލުމުން އެނގެން އޮންނަ ކަމަށެވެ. އެހެންކަމުން ޤާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ޅ) ގައި ބަޔާންކުރާ ޝަރުތު ރައީސް ޔާމީންގެ ކިބައިގައި ފުރިހަމަ ނުވާ ކަމަށެވެ.
ޕީޕީއެމުން މީގެކުރިން ބުނެފައިވަނީ ކެންޑިޑަސީ ބަލައިނުގެންފިނަމަ އެކަން ސުޕްރީމް ކޯޓަށް ހުށަހަޅަން ތައްޔާރަށް ތިބި ކަމަށެވެ. ކެންޑިޑަސީ ބަލައިނުގަތުމުގެ މައްސަލަތައް ކޯޓަށް ހުށަހަޅަން ލިބެނީ 5 ދުވަހުގެ މުއްދަތެކެވެ. އަދި އެފަދަ މައްސަލަތައް 7 ދުވަހުގެ ތެރޭގައި ކޯޓުން ނިންމަންޖެހެއެވެ.
ރައީސް ޔާމީންގެ ކެންޑިޑަސީ ފޯމް އީސީއަށް ހުށަހެޅިއިރު، އެމަނިކުފާނު ހުންނެވީ 11 އަހަރުގެ ޖަލު ހުކުމެއްގައެވެ. އެ ހުކުމްގެ އިސްތިއުނާފު މައްސަލަ ހައިކޯޓުގައި އޮތްއިރު މައްސަލަ ބައްލަވާ ބައެއް ފަނޑިޔާރުން ޗުއްޓީގައި ތިއްބެވުމުން އެ މައްސަލަ މިހާރު އޮތީ މަޑުޖެހިފައެވެ. މީގެއިތުރުން ކްރިމިނަލް ކޯޓުގައި އަންނަނީ އެމަނިކުފާނުގެ އިތުރު މައްސަލައެއްގެ އަޑުއެހުންތައްވެސް ކުރިއަށްދަމުންނެވެ.
ރިޔާސީ އިންތިހާބުގައި ރައީސް ޔާމީންގެ ރަނިންމޭޓެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ޑރ. މުހައްމަދު ޖަމީލް އަހުމަދެވެ.