Last Updated: June 16, 11:04
Monday, June 16, 2025
ޚަބަރު

މަސްވެރިންނަށް 682 މިލިއަން ރުފިޔާ ދޫކޮށްފި

މިފްކޯ ކަލެކްޓަރ އުޅަނދެއް / ފޮޓޯ: މަސްވެރިން

މިއަހަރު މިހާތަނަށް މިފްކޯއިން މިދިޔަ އަހަރާއި އަޅާބަލާއިރު 25 އިންސައްތަ އިތުރަށް މަސްވެރިންނަށް ފައިސާ ދޫކޮށްފައިވާ ކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.

އެކުންފުނިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، މިފްކޯއިން މިއަހަރު މިހާތަނަށް މަސްވެރިންނަށް 682.8 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ. މިދިޔަ އަހަރު މިމުއްދަތުގައި ދޫކޮށްފައިވަނީ 530.3 މިލިއަން ރުފިޔާއެވެ. މިދިޔަ އަހަރާއި އަޅާ ބަލާއިރު މިއީ 25 އިންސައްތަ އިތުރު އަދަދެކެވެ.

މިފްކޯއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން، މިދިޔަ ޖުލައި މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް 41،041 މެޓްރިކް ޓަނުގެ މަސް ވަނީ ކިރުވާފައެވެ. މިއީ މިދިޔަ އަހަރުގެ 29 ވަނަ ހަފްތާއާއި ހަމައަަށް ބަލާއިރު 8100 ޓަނުގެ އިތުރުވުމެކެވެ. އަދި މިއީ 25 އިންސައްތައިގެ ކުރިއެރުމެއް ކަމަށް މިފްކޯއިން ބުނެއެވެ.


އެންމެ ބޮޑު ކުރިއެރުމެއް ލިބިފައިވަނީ ކޫއްޑޫ ފިޝަރީޒް ކޮމްޕެލެކްސްއިންނެވެ. އެގޮތުން މިދިޔަ އަހަރު 24،949 ޓަން ކިރިއިރު، މިއަހަރު އެ ފެސިލިޓީއަށް މިމުއްދަތުގައި 31732 ޓަނުގެ މަސް މިހާތަނަށް ވަނީ ކިރާފައެވެ.

ދެން އެންމެ ބޮޑު ކުރިއެރުމެއް ހޯދާފައިވަނީ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްއިންނެވެ. މިމުއްދަތުގައި 4361 ޓަނުގެ މަސް ކިރުވައި، މިދިޔަ އަހަރަށްވުރެ 62 އިންސައްތައިގެ ކުރިއެރުމެއް ވަނީ ހޯދާފައެވެ.

ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށް ސަރުކާރުން ދަނީ މިފްކޯގެ މަސް ފިނިކުރެވޭ ކެޕޭސިޓީ އިތުރު ކުރަމުންނެވެ. އަދި މިފްކޯއިން މަސް އެއްފަހަރާ ގަނެވޭ ކެޕޭސިޓީ އިތުރު ކުރުމަށް އިތުރު ބޯޓުތައް ގެނެސް މަސައްކަތް ކުރަމުންދާއިރު، ސަރުކާރުގެ އަމާޒަކީ މިފްކޯ ކެޕޭސިޓީ އިތުރުކޮށް މަސް ގަނެވޭ މިންވަރު އިތުރުކުރުމެވެ. މީގެ ސަބަބުން މަސް ނުކިރި މިހާރު މަސްވެރިކަން ރަނގަޅު މޫސުމުގައި ދިމާވާ މައްސަލައަށް ހައްލެ ލިބޭނެ ކަމަށް ސަރުކާރުން ޤަބޫލު ކުރެއެވެ.