Last Updated: June 7, 06:04
Sunday, June 7, 2026
ޚަބަރު

އަމާން ކަމަށް އެންމެން މަސައްކަތް ކުރަންޖެހޭ

ޤައުމުގެ އަމާންކަމާއި ސުލްހަލަ މަސަލަސްކަން ދެމެހެއްޓުމަށް އެންމެން މަސައްކަތް ކުރަން ޖެހޭ ކަމަށް ރައީސުލް ޖުމުހޫއްރީއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ނައިބުު ރައީސް މިހެން ވިދާޅުވީ ފުލުުހުން 35 ވަނަ އަސާސީ ތަމްރީން ކޯސް ނިންމުމުގެ ރަސްމީއްޔާތު ޝަރަފުވެރިކޮށްދެއްވައި  ދެއްކެވި ވާހަކަފުޅުގެ ތެރެއިންނެވެ. ނައިބް ރައީސް ފައިސަލް ވިދާޅުވި ގޮތުގައި ފުލުހުން މުޢައްސަސާ ތަރައްޤީކޮށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދީ ތަމްރީނު ދިނުމަކުން އެކަނިވެސް ބޭނުންވާ ނަތިޖާ ނުހޯދޭ ކަމަށެވެ.

އެގޮތުން އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި ކޮންމެ ރައްޔިތެއްވެށް ވެސް ވާޖިބެއް އޮންނަކަަން ޤަބޫލުކުރަން ޖެހޭ ކަމަށް ވިދާޅުވިއެވެ.

” ޤައުމެއްގެ ގޮތުގައި ތަރައްޤީއާއި އަމާންކަމާއި ތަހުޒީބު ބޭނުންވާ ކަމަށް ވަންޏާ، ކޮންމެ މީހެއްގެވެސް ވާޖިބެއް އޮންނަކަން ޤަބޫލުކޮށް ޤައުމުގެ އަމާންކަމާއި ސުލްހަ މަސަލަސްކަން ދެމެހެއްޓުަމައްޓަކައި، މަސައްކަތް ކުރަން ޖެހޭ” ނައިބު ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، މިކަންކަަމަކީ ހަމައެކަނި ޔުނިފޯމް އެޅި ފަރާތްތަކުން ކުރަން ޖެހޭ ކަމެއްގެ ގޮތުގައި އޮތުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން ކަމަށެވެ. އަދި ރާއްޖެއަށްވެސް ދުނިޔޭގެ އެހެން ޤައުމުތަކުގައި ހިންގާފަދަ ކަންކަމާއި އޮއިވަރުތައް އަންނަ ކަމަށެވެ. އަދި އެއިން ހުރިހާ ކަމަކީ އެންމެ ރަނގަޅު ކަމަކަށް ނުވެދާނެ ކަމަށް ވިދާޅިވިއެވެ. އެހެން ކަމުން ރައްޔިތުން ބަލަންވީ ރަނގަޅު ކަންތައް ހޯދާ ބަލާ ގޯސްކަންކަން ދޫކޮށްލާ ބަޔަކަށް ވުމަށް ކަމަށް ވިދާޅުވިއެވެ.

އެމަނިކުފާނު ދެއްކެވި ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވިދާޅުވީ  ޤައުމަކީ ކޮންމެ ފަރުދެއް އަދި ރައްޔިތެއްގެ ވެސް ޤައުމު ކަމަށެވެ.

“ޔުނިފޯމެއް އެޅުމުން އަދި ވަކި ވަޒީފާއެއްގަ ހުރުމުން ޤައުމީ ލޯބި ވަކި އިތުރުވާކަށް ނުޖެހޭ. ޤައުމީ ލޯބި، ޙުއްބުލް ވަތަން އޮންނަން ޖެހޭނީ އެ ޤައުމަކަށް ނިސްބަތްވާ ކޮންމެ މީހެއްގެ ކިބައިގައި. “ ނައިބު ރައީސް ފައިސަލް ވިދާޅުވިއެވެ.

އެމަނިކުފާނު ވަނީ ޤައުމަށް ޙިދުމަތް ކުރުމަކީ ފަޙުރެއްގެ ގޮތުގައި ދެކެން ޖެހޭ ކަމަށް ވިދާޅުވެފައެވެ.

ފުލުހުންގެ 35 ވަނަ އަސާސީ ތަމްރީން ކޯހުގައި 48 އަންހެން ބައިވެރިންނާއި 172 ފިރިހެން ބައިވެރިން ބައިވެރިވިއެވެ. ކޯސް ކާމިޔާބުކަމާއެކު ފުރިހަމަކޮށްފައި ވަނީ 192 ބައިވެރިންނެވެ.

ރަސްމިއްޔާތު ނިންމައިލާފައިވަނީ ކޯހުގެ ދަރިވަރުންގެ ރޫޓް މާޗަކާ އަދި ބަޑިބޭހުގެ ކުޅިވަރުތަކާ އެކުގައެވެ.