Last Updated: July 24, 10:38
Friday, July 24, 2026
ޚަބަރު

ޔާމީންގެ ކެންޑިޑޭސީގެ މައްސަލަ ސުޕްރީމް ކޯޓަށް ވައްދައިފި

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރުތު ހަމަނުވާތީ އެމަނިކުފާނުގެ ކެންޑިޑެސީ ފޯމު ބަލައިނުގަންނަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމި ނިންމުން ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.

ޔާމީންގެ ރަނިންމޭޓް އަދި އެމަނިކުފާނުގެ އިސް ވަކީލު، ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވީ ސުޕްރީމް ކޯޓަށް ދާދި ދެންމެއަކު ޔާމީނުގެ ކެންޑިޑޭސީގެ މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ.

"މިއަދު މިކުރަނީ ސަރުކާރުގެ ނުފޫޒުން ނިގުޅައިގަތް ޙައްގުތައް ކަށަވަރު ކުރުމުގެ މަސައްކަތް. ޙައްގަތް ނަޞްރު ލިބިގެންދާނެ،" ޖަމީލު ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ޔާމީންގެ ކެންޑިޑެސީ ފޯމް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވަނީ އިއްޔެގެ ވަގުތެއްގަ އެވެ.

އިންތިހާބުގައި ބައިވެރިވުމަށް ހުށަހެޅި ފޯމާއި ގުޅޭގޮތުން އީސީން ނިންމާފައިވަނީ ޔާމީނަށް "ރައިސުލްޖުމްހޫރިއްޔާކަމަށް ކުރިމަތިލުމަށް ހުށަހެޅި ހުށަހެޅުން، އިލެކްޝަންސް ކޮމިޝަނުން ޤަބޫލުކުރެވެން ނެތް" ކަމަށެވެ.

އެކަމުގެ ސަބަބެއްގެ ގޮތުން އީސީން ބުނެފައިވަނީ، ޔާމީންގެ މައްޗަށް 11 އަހަރުގެ ހުކުމެއް އައިސްފައިވާއިރު އެ ހުކުމް ތަންފީޒުކޮށް ނިިމިފައިނުވާކަން ހުށަހަޅާފައިވާ ކުށުގެ ރިކޯޑަށް ބެލުމުން އެނގެން އޮންނަ ކަމަށެވެ. އެހެންކަމުން ޤާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ޅ) ގައި ބަޔާންކުރާ ޝަރުތު ރައީސް ޔާމީންގެ ކިބައިގައި ފުރިހަމަ ނުވާ ކަމަށް އީސީން ވަނީ ނިންމައިފަ އެވެ.

ވ. އަތޮޅު އާރަށް ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށްޓަކާ އެ ރަށް ވިއްކައިގެން ލިބުނު އެއް މިލިއަން ޑޮލަރު ލޯންޑާކުރި ކަމުގެ ތުހުމަތުގައި ޔާމީނަށް އިއްވި 11 އަހަރުގެ ޖަލު ހުކުމް ހައިކޯޓުގައި ވަނީ އިސްތިއުނާފްކޮށްފަ އެވެ. ނަމަވެސް މައްސަލަ ބައްލަވާ ބެންޗުގައި އިންނަވާ ފަނޑިޔާރަކު ޗުއްޓީ ނެންގެވުމުން އެ މައްސަލަ މިހާރު ވަނީ މަޑުޖެހިފަ އެވެ.