އިންޑިއާގެ ފިލްމީ ތަރި ނިކިތާ ދައްތާ މިއަދު ހއ. ދިއްދު އަށް ދާ ގޮތަށް ހަމަޖެހިއްޖެ އެވެ.
އެ ރަށު ކައުންސިލުން ބުނީ އޭނަ އެ ރަށަށް ދާ ގޮތަށް ހަމަޖެހިފައި ވަނީ ހަވީރު 4:10 ގައި ކަމަށާއި މަރުހަބާ ކިޔަން ބޭނުން އެންމެންނަށް ދައުވަތު ދޭ ކަމަށެވެ. ދިއްދޫ ކައުންސިލުން ބުނީ ނިކިތާއާ އެކީ ފޮޓޯ ނެގުމުގެ ފުރުސަތު ވެސް އާންމުންނަށް އޮންނާނެ ކަމަށެވެ.
އާންމުންގެ ތެރޭގައި އަދި އެހާ މަޝްހޫރު ނޫން ނިކިތާ، 32، ކުޅެފައިވާ ފިލްމުތަކުގެ ތެރޭގައި އަކްޝޭ ކުމާރުގެ "ގޯލްޑް" އާއި ޝާހިދު ކަޕޫރްގެ "ކަބީރު ސިންގް" އަދި އަބީޝެކް ބައްޗަންގެ "ދަ ބިގް ބުލް" ހިމެނެ އެވެ. އާންމުކޮށް ސަޕޯޓިން ރޯލުތަކުން ފެންނަ ނިކިތާގެ އެންމެ ފަހުގެ ފިލްމަކީ މަޝްހޫރު ކޮރިއޮގްރާފަރު ބޮސްކޯ މާޓިން ޑައިރެކްޝަނަށް ނުކުމެ މިދިޔަ އަހަރު ގެނެސްދިން "ރޮކެޓް ގޭންގް" އެވެ.
ނިކިތާ ޓީވީ ސިލްސިލާތަކެއް ވެސް ކުޅެފައިވެ އެވެ. އޭގެ ތެރޭގައި ސޮނީ ޓީވީގެ "ހާސިލް" އާއި އެ ޗެނެލްގެ "އޭކް ދޫޖޭ ކޭ ވާސްތޭ" އަދި ސްޓާ ބާރަތުގެ "ޑްރީމް ގާލް: އޭކް ލަޅްކީ ދީވާނީ ސީ" އެވެ.
ނިކިތާ އަށް ދިއްދޫން ހޫނު މަރުހަބާއެއް ކިޔަން ތައްޔާރުވަމުން އަންނަ އިރު، އިންޑިއާގެ ފިލްމީ ތަރިން މިހާރު ވަރަށް ގިނައިން ރާއްޖެ އަށް ޗުއްޓީ އަށް އާދެ އެވެ. އެގޮތުން ބައެއް ތަރިން މީގެ ކުރިން ވެސް މީހުން އުޅޭ ރަށްރަށް ގޮސްފައިވެ އެވެ.
އިންޑިއާ އަކީ މިހާރު އަށް އެންމެ ގިނަ ޓޫރިސްޓުން އަންމަ އެއް ގައުމެވެ.