Last Updated: June 19, 11:00
Friday, June 19, 2026
ޚަބަރު

އިލްޔާސްގެ ރަނިންމޭޓަކަށް އީވާގެ ރެކޯޑް ސާފުކުރަނީ

ދަ ޑިމޮކްރެކްޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބުގެ ރަނިންމޭޓެއްގެ ގޮތުގައި އީވާ އަބްދުﷲ ހަމަޖެއްސުމަށްޓަކައި އޭނަގެ ކުށުގެ ރެކޯޑް ސާފުކުރަން ހުށަހަޅައިފި އެވެ.

ނަމަވެސް މިކަމާ ބެހޭ ގޮތުން އެ ޕާޓީން ރަސްމީކޮށް ވަކި އެއްޗެއް ނުބުނެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި އީވާ އަކީ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރެވެ. އެމްޑީޕީން އޮތީ އޭނަ ނައިބު ރައީސްގެ މަގާމުން ވަކިކުރުމުގެ މައްސަލަ ހުށަހަޅައިފަ އެވެ.

މަޖިލީހުގެ ރައީސް މަގާމުގައި ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ބޮޑުބޭބެ ވިދާޅުވާ އީވާ، ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓްގެ ރަނިންމޭޓަކަށް ހަމަޖައްސަން އުޅޭ ވާހަކަ ދެކެވެމުން އަންނަނީ އިލްޔާސް ޕްރައިމަރީ އަށް ވާދަކުރައްވަން ނިންމެވި ހިސާބުންނެވެ. އެ ދެ ބޭފުޅުންނަކީ ނަޝީދު އިސްކޮށް ހުންނަވައިގެން އުފެއްދެވި އާ ޕާޓީ ރަޖިސްޓްރީކުރުމުގެ މަސައްކަތުގައި އެންމެ ބޮޑަށް އުޅުއްވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ދެ ބޭފުޅުންނެވެ.

އިލްޔާސަކީ ހުޅުދޫ ދާއިރާގެ މަޖިލިސް މެމްބަރެކެވެ.

މި ހަފުތާގައި އިލްޔާސާއި ނަޝީދު ކެމްޕޭނަށް އައްޑު އަށް ކުރެއްވި ދަތުރުގައި ޑިމޮކްރެޓްސް ކެންޑިޑޭޓްގެ ރަނިންމޭޓަކަށްވުމުގެ ފުރުސަތު އިދިކޮޅު ޕީޕީއެމަށް އޮތް ކަމަށް ވިދާޅުވެފައިވެ އެވެ.

ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް ނަން ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 7 އަށް ހަމަވާނެ އެވެ. އެ ފުރުސަތު ހުޅުވީ މިދިޔަ މަހުގެ 23 ގަ އެވެ. ނަމަވެސް މިހާތަނަށް ކެންޑިޑެސީ ފޯމު ހުށަހެޅުއްވީ އެންމެ ބޭފުޅެވެ. އެއީ އިއްޔެ ފޯމު ހުށަހެޅުއްވި އިދިކޮޅު ކޯލިޝަން ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީނެވެ.

ނަމަވެސް އެ މަނިކުފާނު 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާތީ އިންތިހާބުގައި ވާދަކުރައްވަން ޝަރުތު ހަމަނުވާ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ވަނީ ނިންމައިފަ އެވެ. އަދި އެ މައްސަލަ އިދިކޮޅުން މިހާރު ވަނީ ސުޕްރީމް ކޯޓަށް ވައްދައިފަ އެވެ.

އިލްޔާސްގެ ރަނިންމޭޓަކަށް އިވާ ހަމަޖައްސާ އިރު 2008 ގެ އިންތިހާބުގައި އިބްރާހީމް އިސްމާއީލް (އިބްރާ) ގެ ރަނިންމޭޓެއްގެ ގޮތުގައި ވެސް އަންހެން ބޭފުޅަކު ނެރުނެވެ. އީވާ އަކީ އޭގެ ފަހުން ބާއްވާ އިންތިހާބެއްގައި ރަނިންމޭޓަކަށް ހަމަޖައްސާ ދެވަނަ ބޭފުޅާ އެވެ.