Last Updated: June 13, 14:05
Saturday, June 13, 2026
ޚަބަރު

100 ދުވަސްތެރޭ ޖޭއެސްސީ އިސްލާހު ކުރަން ފަށާނަން

އަމިއްލަ ވެރިކަމުގެ ފުރަތަމަ 100 ދުވަސް ތެރޭ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިސްލާހުކުރުމުގެ މަސައްކަތް ފައްޓަވާނެ ކަމަށް ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވާ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރިޔާސީ ކެންޑިޑޭޓް ކާނަލް މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

ރޭ އެ ޕާޓީން ބޭއްވި ޖަލްސާއެއްގައި އޭނަ ވިދާޅުވީ ރާއްޖެ ޝަރުއީ ނިޒާމު މި ވަގުތު ގޮސްފައިވާ ހާލަތަކީ ދިވެހި އެތައް ރައްޔިތުންނެއް އެކަމާ މެދު ކަންބޮޑުވާ ކަމެއް ކަމަށެވެ. ނާޒިމް ސިފަކުރެއްވި ގޮތުގައި އެ ދާއިރާ މިހާރު އޮތީ ސަރުކާރުން "އަތަށް މަހާލައިފަ" އެވެ.

އެ ސަބަބާ ހުރެ ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލު ކުރުމަކީ އެމްއެންޕީން އަބަދު ވެސް ވަކާލާތު ކުރަމުން އައިސްފައިވާ ކަމެއް ކަމަށް ވިދާޅުވި އެވެ. ނާޒިމު ވިދާޅުވީ މި ސަރުކާރު އައި ޖޭއެސްސީ އިސްލާހުކޮށް، ޝަރުއީ ދާއިރާ މިނިވަންކުރާނެކަމުގެ ބޮޑެތި ވައުދުތަކާ އެކީގައި ކަމަށް ވިޔަސް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ދައުރު ހަމަވާން ގާތްވި އިރު ވެސް،
މިއަދާ ހަމައަށް ޖޭއެސްސީ ސިޔާސީ ނުފޫޒުން ވެސް އެއްކިބާ ނުކުރެވޭ ކަމަށެވެ. އެހެންވެ އެތަން އިސްލާހު ނުކޮށް ފަނޑިޔާރުންގެ ބިރުވެރިކަން ވެސް ނުފިލާނެ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ސަރުކާރެއްގެ ފުރަތަމަ ސަތޭކަ ދުވަހުގެ ތެރޭގައި އަޅުގަނޑުމެން އެ ބިލު މަޖިލީހަށް ހުށަހަޅައި އިރާދަކުރެއްވިއްޔާ އެ މަސައްކަތް ފަށާނެ ވާހަކަ ދަންނަވަން." ނާޒިމް ވިދާޅުވި އެވެ.

އޭނަ ވިދާޅުވީ މިހާތަނަށް ހުރިހާ ސަރުކާރުތަކަކުން ވެސް ޝަރުއީ ދާއިރާ ކޮންޓްރޯލްކޮށް ނުފޫޒު ފޯރުވި ކަމަށެވެ. ނަމަވެސް އަމިއްލަ ވެރިކަމެއްގައި ޝަރުއީ ދާއިރާ މުޅީން މިނިވަންކޮށް ދެއްވާނެ ކަމަށް ނާޒިމު ވައުދުވެވަޑައިގެންނެވި އެވެ.