ބެލުންތެރިންގެ ފަރާތުން މިހާރު ބޮޑު ތަރުހީބެއް ލިބެމުން އަންނަ ބޮލީވުޑްގެ ފިލްމު "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ގެ ސީކްއެލްއެއް ފެނިދާނެމުގެ އިޝާރާތެއް ޑައިރެކްޓަރު ކަރަން ޖޯހަރް ދީފި އެވެ.
މަޝްހޫރު ފިލްމު ކްރިޓިކް އަނޫޕަމާ ޗޯޕްޅާގެ ފިލްމު ކޮމްޕޭނިއަން އަށް ދިން އިންޓަވިއުއެއްގައި ކަރަން ވަނީ މިދިޔަ ހުކުރު ދުވަހު ރިލީޒްކުރި އޭނަގެ ފިލްމާ ބެހޭ ގޮތުން ވަރަށް ގިނަ ވާހަކަތައް ހިއްސާކޮށްފަ އެވެ. އެގޮތުން "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ގެ ޖާދޫގައި ބެލުންތެރިން ވަރަށް ބޮޑަށް ޖެހި، އޭގެ މައިގަނޑު ކެރެކްޓާތައް ދެކެ ބެލުންތެރިންނަށް ލޯބިވެވިފައިވާތީ ފިލްމުގެ ދެވަނަ ބައެއް ފެނިދާނެތޯ އެހުމުން ކަރަން ބުނީ އެފަދަ ވާހަކަތަކެއް ދެކެވެމުން އަންނަ ކަމަށެވެ.
"ރަންވީރު ސިންގް އާއި އާލިއާ ބަޓާ އެކީ އެ ކަހަލަ ވާހަތަކެއް އެބަ ދެކެވޭ،" އޭނަ ބުންޏެވެ. "އަހަންނަށް ހީވަނީ ރޮކީ އާއި ރާނީގެ ކައިވެންޏަށް ފަހު ދެން އެ މީހުންގެ ދިރިއުޅުން ބަދަލުވެގެން އަންނަ ގޮތް ފިލްމެއްގައި ކިޔައިދޭން އެއީ ހަމަ ވަރަށް ރަނގަޅު ހިޔާލެއްހެން."
މީގެ އިތުރުން ކަރަން ބުނީ ރަންވީރުގެ ރޮކީ ކެރެކްޓާ އާއި އާލިއާގެ ރާނީގެ ކެރެކްޓާ އަކީ އެ ރޯލުތަކަށް ސްޕިން-އޮފްތަކެއް ވެސް ހެދިދާނެ ކެރެކްޓާތަކެއް ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.
ކަރަން ވާހަކައިގައި "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ސީކްއެލްއަކަށް އިޝާރާތެއް ދީފައިވާތީ، ހަމަ ގައިމު ވެސް މިހާރު އޭގެ ދެވަނަ ބަޔަކަށް ގިނަ ބަޔަކު އިންތިޒާރު ކުރާނެ އެވެ.
މީގެ ކުރިން ވެސް އޭނަ ޑައިރެކްޓްކުރި ފިލްމެއްގެ ދެވަނަ ބައި ހަދާފައިވެ އެވެ. އެއީ އާލިއާ ބޮލީވުޑަށް ނުކުތް 2012 ގެ "ސްޓޫޑެންޓް އޮފް ދި އިޔާ" އެވެ. މީގެ ދެވަނަ ބައި މުޅިން ތަފާތު ކާސްޓަކާ އެކީ 2019 ގައި ގެނެސްދިނީ 2010 ގެ ފިލްމު "އައި ހޭޓް ލަވް ސްޓޯރީސް" ގެ ޑައިރެކްޓަރު ޕުނީތު މަލްއުތުރާ އެވެ.
ރޮމޭންޓިކް ކޮމެޑީއެއްގެ ގޮތުގައި ގެނެސްދިން "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" އަކީ ކަރަންގެ 7 ވަނަ ޑައިރެކްޝަނެވެ. އޭނަ ޑައިރެކްޓްކުރި ފިލްމުތަކުގެ ތެރޭގައި "އޭ ދިލް ހެ މުޝްކިލް"، "ކަބީ ހުޝީ ކަބީ ޢަމް" އަދި "ކުޗް ކުޗް ހޯތާ" އެވެ.
ކަރަން ދެން ޑައިރެކްޓްކުރަން އޮތީ މުޅިން އަލަށް ތަޖުރިބާކުރާ އެކްޝަން ޖޯންރާގެ ފިލްމެކެވެ. އޭނަގެ 50 ވަނަ އުފަން ދުވަހާ ދިމާކޮށް މިދިޔަ އަހަރު އިއުލާންކުރި ނަމަވެސް އެއާ ބެހޭ އިތުރު ތަފުސީލެއް މިހާތަނަށް ދީފައެއް ނުވެ އެވެ.