Last Updated: June 6, 20:16
Saturday, June 6, 2026
ޚަބަރު

ޔާމީން އެދިގެން މިއަދުގެ އަޑުއެހުން ކެންސަލް ކޮށްފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން ސުޕްރީމް ކޯޓުގައި ކުރިއަށްދިޔަ އަޑުއެހުމުގައި-

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާއާ ގުޅިގެން މިއަދަށް ކްރިމިނަލް ކޯޓުގައި ތާވަލުކުރި އަޑުއެހުން ކެންސަލް ކޮށްފިއެވެ.

އެމްއެމްޕީއާރްސީ ބޮޑު ހިޔާނާތުގެ މައްސަލައިގައި ހިމެނޭ ރ. ފުއްގިރި މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް އުުފުލާފައިވާ ދައުވާގެ އަޑުއެހުމެއް މިއަދު ހެނދުނު 09:00 އަށް ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފައިއޮތެވެ. އެ އަޑުއެހުން ކެންސަލް ކޮށްފައިވަނީ ރައީސް ޔާމީންގެ އެދިވަޑައިގަތުމަކަށް، އެމަނިކުފާނުގެ ހާލަތު ހުރިގޮތުންނެވެ.

ރައީސް ޔާމީންގެ މަންމާފުޅު އަވަހާރަވެފައިވަނީ ޖުލައި 31 ވަނަ ދުވަހުއެވެ.

ރ. ފުއްގިރި މައްސަލައިގައި ކުރީގެ ރައީސް ޔާމީންގެ މައްޗަށް ވަނީ ރިޝްވަތު ޤަބޫލުކުރުމާއި މަނީ ލޯންޑްރިންގެ ދައުވާ އުފުލާފައެވެ. މިމައްސަލައިގައި ރައީސް ޔާމީންގެ އިތުރުން ދައުވާ ކޮށްފައިވަނީ އަހުމަދު ކްރިކް ރިޟާގެ މައްޗަށާއި، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށެވެ. މިފަހުން ދައުލަތުން ވަނީ މިމައްސަލައިގައި ހިމެނޭ ކްރިކް ރިޒާގެ ބައި ވަގުތީ ގޮތުން އަނބުރާ ގެނެސްފައެވެ.

ރ. ފުއްގިރި މައްސަލައިގައި މިހާރު ކުރިއަށްދަނީ ހެކިންގެ ހެކިބަސް ނެގުމުގެ މަރުހަލާއެވެ.

ފުއްގިރި މައްސަލައިގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި ކުރިއަށްދާއިރު، ޔާމީންގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފު އަޑުއެހުންތައް ހައިކޯޓުގައި ވެސް ކުރިއަށްދެއެވެ. އެހެންނަމަވެސް މިހާރު އެ މައްސަލައިގެ އަޑުއެހުން މަޑުޖެހިފައިވަނީ މައްސަލައިގައި ހިމެނޭ ބައެއް ފަނޑިޔާރުން ޗުއްޓީގައި ތިއްބެވުމުންނެވެ.

ރ. ފުއްގިރި މައްސަލައިގެ ތަފްސީލު:

ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނެފައިވަނީ ޓޫރިޒަމް މިނިސްޓްރީ އާއި މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) މެދުވެރިކޮށް ޓޫރިސްޓު ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށްޓަކައި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން، ކ. މާލެ، މއ. ކުރިކީލަހިޔާ، އަހުމަދު ކްރިކް ރިޟާ މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި އެއްމިލިއަން އެއްލައްކަ ސަތާރަހާސް ޑޮލަރު ހޯދައިފައިވާ ކަމަށެވެ.

މީގެ އިތުރުން ރިޝްވަތުގެ ގޮތުގައި ހޯދައިފައިވާ ފައިސާ ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށްގެން ލޯންޑާ ކުރުމަށްޓަކައި ފަށަލަކޮށްފައިވާ ކަމަށްވެސް ޕީޖީން ބުނެފައިވެއެވެ.

މި މައްސަލައިގައި ޕީޖީން ދައުވާކޮށްފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށާއި، ކ. މާލެ، މއ. ކުރިކީލަހިޔާ، އަހުމަދު ކްރިކް ރިޟާގެ މައްޗަށާއި، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށެވެ.

ރައީސް ޔާމީންގެ މައްޗަށް މި މައްސަލައިގައި ކުރަނީ ރިޝްވަތު ޤަބޫލުކުރުމުގެ ދައުވާ އާއި މަނީލޯންޑްރިންގެ ކުށުގެ ދައުވާއެވެ. އަހުމަދު ކްރިކް ރިޟާގެ މައްޗަށް ކުރަނީ ރިޝްވަތު ދިނުމުގައި މެދުވެރިއަކަށްވުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑްރިންގެ ކުށުގެ ދައުވާއެވެ. ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ކުރަނީ މަނީ ލޯންޑްރިންގެ ކުށުގެ ދައުވާއެވެ.