މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ނިންމާފައިވާ ފާރިސް މައުމޫން ސޮއިކޮށްފި އެވެ.
އޭނަ އަމިއްލަ ގޮތުން ވާދަކުރައްވަން ސޮއި ހޯއްދެވުމުގެ މަސައްކަތް ފެއްޓެވީ މިދިޔަ ހަފުތާގެ ތެރޭގަ އެވެ. އެގޮތުން މިހާރު 1،500 މީހުންގެ ސޮއި ވަނީ ހަމަކޮށްފަ އެވެ. އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރައްވާ ނަމަ އެ އަދަދަށް އިލެކްޝަން ކޮމިޝަން (އީސީ) އަށް ސޮއި ހުށަހަޅަން ޖެހެ އެވެ.
ފާރިސް ސޮއި ހަމަކުރެއްވި އިރު، އޭނަ ނިސްބަތްވާ ޕާޓީ، އެމްއާރްއެމްގައި 3،000 މެމްބަރުން ހަމަނުވާތީ އެ ޕާޓީ އުވައިލަން އީސީން ނިންމި ނިންމުން ސިވިލް ކޯޓްގެ އެނގުމަށް އޮތީ މަޑުޖައްސާލައިފަ އެވެ. އެހެންވެ އެމްއާރްއެމަށް އިންތިހާބަށް ކެންޑިޑޭޓެއް ނެރެން އެެއްވެސް ހުރަހެއް ނެތް ކަމަށް އީސީގެ ރައީސް ފުއާދު ތައުފީގު މި ހަފުތާގެ ކުރީކޮޅު ވިދާޅުވެފައިވެ އެވެ.
ފާރިސް ސޮއި ހޯއްދަވަން ފެއްޓެވީ އަމިއްލަ ގޮތުން ވާދަކުރައްވަން ޖެހިވަޑައިގަންނަވަން ޖެހިއްހެ ހާލަތެއް މެދުވެރިވެއްޖެ ނަމަ އެކަށް މަގުފަހިކުރެއްވުމުގެ ގޮތުންނެވެ. މިދިޔަ ހަފުތާގައި އެމްއާރްއެންގެ ޕްރައިމަރީ އަށް ހުޅުވައިލުމުން ވާދަކުރައްވަން ނަން ހުށަހެޅުއްވީ ފާރިސް އެކަންޏެވެ. އެހެންވެ އޭނަ އަށް ވަނީ ބައްޕާފުޅު، ކުރީގެ ރައީްސް މައުމޫން އަބުދުލް ގައްޔޫމް އިސްކޮށް ހުންނަވައިގެން އުފެއްދެވި ޕާޓީގެ ޓީކެޓް ކަށަވަރުވެފަ އެވެ.
އިންތިހާބުގައު ވާދަކުރަން ނަން ހުށަހަޅަން ދީފައި އޮތް މުއްދަތު މި މަހުގެ 7 އާ ހަމައަށް ވާނެ އެވެ. ރިޔާސީ އިންތިހާބު އޮންނާނީ މި އަހަރުގެ ސެޕްޓެބްބަރު 9 ގަ އެވެ.