ކަމެއް ގޯސްކޮށް ދާނަމަ އެއީ ގޯހެކޭ ބުނުމުގެ ހިއްވަރު ކޮންމެ ފުލުހެއްގެ ކިބައިގައިވެސް ހުންނަން ޖެހޭ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.
ސީޕީ ހަމީދު މިހެން ވިދާޅުވީ، ފުލުހުންގެ 35 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ރަސްމީއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. ރައިސުލްޖުމުހޫއްރިއްޔާގެ ނައިބު ފައިސަލް ނަސީމް، ޝަރަފުވެރިކޮށްދެއްވި މި ރަސްމީއްޔާތުގައި ޖުމްލަ 179 ފުލުހަކު ވަނީ ކޯސް ފުރިހަމަކޮށް ދަސްވެނިވިކަމުގެ ސަނަދު ހާސިލްކޮށްފައެވެ.
މި ރަސްމީއްޔާތުގައި ވާހަކަ ދައްކަވަމުން ކޮމިޝަނަރ ހަމީދު ވަނީ ފުލުހުންގެ އަސާސީ ތަމްރީންގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުއްވައި ވަހާކަ ދައްކަވާފައެވެ. އެގޮތުން ކޯހުގެ ބައިވެރިންގެ ތެރޭގައި ފުލުހުންގެ މަސައްކަތަށް ވަނުމަށްފަހުވެސް ތަމްރީން ފުރިހަމަ ކުރުމުގެ ފުރުސަތު ވަސީލަތްތައް ހުރި ގޮތުން ނުލިބި ތިބި ފުލުހުން ތިބިކަން ފާހަގަކޮށް، އެ ފުލުހުން ދެން ނިކުންނައިރު މަސައްކަތުގެ ތަޖުރިބާވެސް ހުންނާނެ ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން ފުލުހުންގެ ވަސީލަތްތައް ތަރައްޤީ ކުރުމާއި އިންސާނީ ވަސީލަތް ބިނާކުރުން މުހިންމުކަން ފާހަގަކޮށް ކޮމިޝަނަރ ވިދާޅުވީ، މިހާރުވެސް ގިނަ ރަށްރަށުން އަބަދުމެ ހެން ލިބޭ ޝަކުވާއަކީ ބޭނުންވާ ވަރަށް މުވައްޒަފުން ނެތުން ކަމަށާއި، އަމާޒަކީ މިފަދަ ތަމްރީން ޕްރޮގްރާމްތަކާއި އެކު ވަސީލަތްތައް ޤާއިމްކުރުން ކަމަށް ވިދާޅުވިއެވެ.
ސީޕީ ހަމީދު ވަނީ އަލަށް ތަމްރީނުވެގެން ނިކުންނަ ދަސްވެނިންނަށް، މުޢައްސަސާގައި އިތުރަށް ރަނގަޅު ކުރުމަށް ހުރިކަންކަން ފާހަގަކޮށް އެކަން ރަނގަޅުކުރަން މަސައްކަތް ކުރުމަށް ގޮވާލައްވާފައެވެ.

" ކަމެއް ގޯސްކޮށް ދާނަމަ، އެއީ ގޯހެކޭ ބުނުމުގެ ހިއްވަރު އަދި ކެރުން ތިއިން ކޮންމެ ފުލުހެއްގެ ކިބައިގަވެސް ހުންނަންވާނެ. އަދި ހަމަ އެހެންމެ މުޖްތަމަޢު ތެރެއިން ކުށެއް ކުރާތަން ފެނިއްޖެ ނަމަ އެކަމަށް ފުރިހަމައަށް އެޓެންޑްވުމުގެ ޤާބިލްކަމާއި ފެންވަރު ހުންނަން ވާނެ " ސީޕީ ހަމީދު ވިދާޅުވިއެވެ.
މީގެ އިތުރުން ސިޕީ ވިދާޅުވީ ފުލުހުންގެ ޚިދުމަތަށް ގެންނަމުންދާ ބަދަލުތައް މިއަދު ގުޅިފައިވަނީ ރައްޔިތުންނާއި ގާތުން އަވަސް ހިދުމަތެއް ދިނުމާއި ކަމަށެވެ. އެގޮތުން ލާމަރުކަޒީކޮށް ޚިދުމަތް ދިނުމާއި ޓެކްނޮލޮޖީއަށް ފުލުހުން އަހުލުވެރިކޮށް ފުރިހަމަ ވަސީލަތް ހޯދައިދިނުން ހިމެނޭ ކަމަށް ފުލުހުން ވިދާޅުވިއެވެ.
ސީޕީ ހަމީދު ވަނީ ފުލުހުންގެ ޚިދުމަތަށް ޤާބިލް އަހުލާޤު ރަނގަޅު މީހުން ބޭނުންވާކަން ފާހަގަކޯށް އެކަމަށް ހިއްވަރުދީ، ކައުންސިލްތަކާއި ސްކޫލުތަކާއި އަދި އެހެނިހެން ފަރާތްތަކުންވެސް މަސައްކަތް ކޮށްދެއްވުމަށް ގޮަވާލައްވާފައެވެ.
ރަސްމީއްޔާތުގައި އަލަށް ދަސްވެނިވި ދަރިވަރުންނަށް، ސީޕީ ވަނީ ތަމްރީނުތަކުން ދަސްވި އެއްޗެއް ބޭނުން ހިފައި، ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ޕްރޮފެޝަނަލް ބަޔަކަށް ވުމަށް ނަސޭހަތްތެރިވެފައެވެ.