ހަތް އަހަރުގެ މެދުކެނޑުމަކަށް ފަހު ޗައިނާގެ ސިޗްއާން އެއާލައިންސްގެ ދަތުރުތައް ރާއްޖެ އަށް ފަށައިފި އެވެ.
އެގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް އިއްޔެ ބޭއްވި ފުރަތަމަ ދަތުރުގައި 186 މީހުން އައިސްފައިވެ އެވެ. ސިޗްއާން އެއާލައިންގެ ދަތުރުތައް މި ފަހަރފު ރޭވިފައި ގޮތަށް ބަލާ އިރު ހަފުތާއަކު ތިން ދަތުރު ބާއްވާނެ އެވެ.
ޗައިނާގެ އިތުރު ދެ އެއާލައިނަކުން ރާއްޖެއަށް މިހާރު ވެސް ދަތުރުކުރެ އެވެ. އެއީ ބެއިޖިން ކެޕިޓަލް އާއި ޗައިނާ އީސްޓާން އެއާލައިންސްއިންނެވެ.
ކޮވިޑާ ވިދިގެން ބޯޑަރު ތިން އަހަރެއްހާ ދުވަހަށް ބަންދުކޮށްފައި އޮތުމަށް ފަހު، ޗައިނާގެ އެއާލައިންތައް ރާއްޖެ އަށް ދަތުރުތައް ފެށީ މި އަހަރުގެ ޖެނުއަރީ 18 ގަ އެވެ. ޗައިނާ އަކީ މިހާރު ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ އެއް ގައުމެވެ. ޓޫރިޒަމް މިނިސްޓްރީން ބުނި ގޮތުގައި މި މަހުގެ ތެރޭގައި އެ ގައުމު ރާއްޖޭގެ ގަދަ ތިން މާކެޓްގެ ތެރޭގައި ހިމެނޭނެ އެވެ.