Last Updated: July 25, 06:01
Saturday, July 25, 2026
މުނިފޫހިފިލުވުން

އާލިއާ ވަރުގަދަ 3 ފިލްމަކަށް ތައްޔާރު ވަނީ

ބޮލީވުޑްގެ ކާމިޔާބު ޒުވާން ބަތަލާ އާލިއާ ބަޓް ވަރުގަދަ ބޮޑު ތިން ފިލްމަކަށް ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މީޑިއާތަކުން ބުނި ގޮތުގައި އެކްޓަރު ރަންބީރް ކަޕޫރްގެ އަންހެނުންގެ ކުރިއަށް އޮތް ތިން ފިލްމަކީ ސަންޖޭ ލީލާ ބަންސާލީގެ "ބައިޖޫ ބަވްރާ" އާއި ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ ސްޕައި ޔުނިވާސްގެ ފިލްމަކާއި މެންޓޯ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނަށް ޑައިރެކްޓަރު ވަސަން ބާލާ ހަދަން ހަމަޖެހިފައިވާ ފިލްމެވެ.

މިދިޔަ އަހަރު ރިލީޒްކުރި "ގަންގޫބާއީ ކަތިއަވާޅީ" އަށް ފަހު ބަންސާލީއާ އެކީ އާލިއާ މަސައްކަތްކުރާ މިއުޒިކަލް ލަވް ސްޓޯރީ "ބައިޖޫ ބަވްރާ" އަކީ ބޮޑު ބަޖެޓަކުން ވަރަށް ގްރޭންޑްކޮށް ހަދަން ނިންމާފައިވާ ފިލްމެކެވެ. އަދި މީގައި ބަތަލުގެ ރޯލު ކުޅޭނީ މިދިޔަ ހުކުރު ދުވަހު ރިލީޒްކުރި އާލިއާގެ "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ގެ ބަތަލު ރަންވީރު ސިންގް އެވެ.

އެކަމަކު އަންނަ އަހަރުގެ އެޕްރީލްގައި ޝޫޓިން ފަށަން ޕްލޭންކޮށްފައިވާ ފިލްމުގެ ކާސްޓް އަދި ރަސްމީކޮށް އިއުލާނެއް ނުކުރެ އެވެ.

މީޑިއާތަކުން ބުނީ އާލިއާއާ އެކީ ވަސަން ހަދަން ނިންމާފައި ވަނީ އެކްޝަން ޖޯންރާގެ ފިލްމެއް ކަމަށެވެ. އަދި މީގެ ކާސްޓްގައި ނެޓްފްލިކްސް އަށް ގެންނަން އުޅޭ "ދަ އާޗީސް" ގެ ކާސްޓްގައި ހިމެނޭ ޒުވާން އެކްޓަރު ވެދާންގު ރައިނާ ވެސް ހިމެނެ އެވެ. ނަން އަދި ސާފު ނުވާ މި ފިލްމުގެ ޝޫޓިން އަންނަ މަހުގެ ތެރޭގައި ފަށާނެ ކަމަށް މީޑިއާތަކުން ބުންޏެވެ.

ވައިއާރްއެފަށް އާލިއާ ކުޅޭ ފުރަތަމަ ފިލްމަކީ އެ ސްޓޫޑިއޯގެ "ސްޕައި ޔުނިވާސް" އަށް ހަދަން ނިންމާފައިވާ ބަތަލާއެއް ލީޑްކުރާ ފުރަތަމަ ޖާސޫސީ އެކްޝަން ތުރިލާ އެވެ. ރިޕޯޓްތައް ބުނާ ގޮތުން މީގެ ކާސްޓްގައި ޝަރުވާރީ ވާގް ވެސް ހިމެނެ އެވެ. ރަސްމީކޮށް އަދި އިއުލާން ނުކުރާ މި ފިލްމުގެ ޑައިރެކްޓަރަކީ ކާކު ކަމެއް ސާފެއް ނުވެ އެވެ.

މި ތިން ފިލްމުގެ އިތުރުން މިދިޔަ އަހަރު އާލިއާ ޕްރޮޑިއުސްކޮށް، ކުޅުނު ފިލްމު "ޑާލިންސް" ގެ ޑައިރެކްޓަރު ޖަސްމީތު ކޭ ރީންގެ އާ ފިލްމަކަށް ވެސް އާލިއާއާ އެކީ ވާހަކަ ދެކެވެމުން އަންނަ ކަމަށް މީޑިއާތަކުން ބުނެ އެވެ.

އަހަރެއް ވެސް ނުވާ އަންހެން ދަރިއެއް އޮތް އާލިއާ، 30، ދެން އެންމެ އަވަހަށް ފެންނާނީ މި މަހުގެ 11 ގައި ނެޓްފްލިކްސް އިން ޕްރީމިއާކުރާ އަލަތު ހޮލީވުޑް ފިލްމު "ހާޓް އޮފް ސްޓޯން" އިންނެވެ. ޓޮމް ހާޕާ ޑައިރެކްޓްކުރި ފިލްމުގެ ކާސްޓްގައި ގަލް ގެޑޯ އާއި ޖެމީ ޑޯނަން ވެސް ހިމެނެ އެވެ.