ސ. ހުޅުމީދޫ މިފްކޯ ބަނދަރުގެ އެއްގަމުތޮށި ލުމުގެ މަސައްކަތް ނިމިފައިވާ ކަމަށް އެ މަސައްކަތް ކުރަމުން އަންނަ އެމްޓީސީސީން ހާމަކޮށްފިއެވެ.
އެމްޓީސީސީން ބުނެފައިވަނީ، ސ. ހުޅުމީދޫ މިފްކޯ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއުގެ ދަށުން ފުރަތަމަ ފިޔަވަހީގެ މަސައްކަތުގެ 83 ޕަސެންޓް ނިމިފައިވާ ކަމަށެވެ. މި މަސައްކަތުގެ އެއްގަމުތޮށި ލުމުގެ މަސައްކަތް ވެސް ވަނީ ނިމިފައިއެވެ.
މި މަޝްރޫއުގެ ދަށުން، 471380 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 60 މީޓަރުގެ ރިވެޓްމެންޓް ޕްރޮފައިލިންގ މަސައްކަތާއި، 110 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، ބޮލާރޑް އަދި ވީ-ފެންޑަރ ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ. މި މަޝްރޫއަކީ 68.8 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
މީގެއިތުރުން އެމްޓީސީސީން ބުނެފައިވަނީ، ގދ. ތިނަދޫ އިންޑަސްޓްރިއަލް ޒޯންގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ 61 ޕަސެންޓް ނިމިފައިވާ ކަމަށެވެ. އަދި އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގައު އެތުރުމުގެ މަސައްކަތް ވެސް ނިމިފައިވާ ކަމަށެވެ.
މި މަޝްރޫއުގެ ދަށުން، 12,3275 އަކަ މީޓަރުގެ ސަރަޙައްދެއްގެ ބިން ހިއްކުމާއި، 1,767 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 711 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 130 މީޓަރުގެ ޝީޓް ޕައިލް އެޅުމާއި، 2080 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، ބޮލާރޑް، ފެންޑަރ އަދި ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ. ގދ. ތިނަދޫ އިންޑަސްޓްރިއަލް ޒޯންގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއަކީ 162.88 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.