ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީންގެ ކެންޑިޑަސީ އިލެކްޝަންސް ކޮމިޝަނުން ބަލައިނުގަތް މައްސަލަ ސުޕްރީމް ކޯޓުން ބަލައިގެންފިއެވެެ.
ރިޔާސީ އިންތިހާބުގައި ބައިވެރިވުމަށް ރައީސް ޔާމީން އީސީއަށް ކެންޑިޑަސީ ހުށަހަޅާފައިވަނީ އިއްޔެއެވެ. އިންތިހާބުގައި ބައިވެރިވުމަށް ހުށަހެޅި ފޯމާއި ގުޅޭގޮތުން އީސީން ނިންމާފައިވަނީ ރައީސް ޔާމީނަށް "ރައިސުލްޖުމްހޫރިއްޔާކަމަށް ކުރިމަތިލުމަށް ހުށަހެޅި ހުށަހެޅުން، އިލެކްޝަންސް ކޮމިޝަނުން ޤަބޫލުކުރެވެން ނެތް" ކަމަށެވެ.
އެކަމުގެ ސަބަބެއްގެ ގޮތުން އީސީން ބުނެފައިވަނީ، ރައީސް ޔާމީންގެ މައްޗަށް 11 އަހަރުގެ ހުކުމެއް އައިސްފައިވާއިރު އެ ހުކުމް ތަންފީޒުކޮށް ނިިމިފައިނުވާކަން ހުށަހަޅާފައިވާ ކުށުގެ ރިކޯޑަށް ބެލުމުން އެނގެން އޮންނަ ކަމަށެވެ. އެހެންކަމުން ޤާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ޅ) ގައި ބަޔާންކުރާ ޝަރުތު ރައީސް ޔާމީންގެ ކިބައިގައި ފުރިހަމަ ނުވާ ކަމަށެވެ.
ޔާމީންގެ ރަނިންމޭޓް އަދި އެމަނިކުފާނުގެ އިސް ވަކީލު، ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު މިއަދު ވިދާޅުވީ، ސުޕްރީމް ކޯޓަށް މިއަދު ރައީސް ޔާމީންގެ މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ. އެ މައްސަލަ ސުޕްރީމް ކޯޓުން ބަލައިގެންފައިވާއިރު، މިފަދަ މައްސަލަތައް 7 ދުވަހުގެ ތެރޭގައި ކޯޓުން ނިންމަންޖެހެއެވެ.
ރައީސް ޔާމީންގެ ކެންޑިޑަސީ ފޯމް އީސީއަށް ހުށަހެޅިއިރު، އެމަނިކުފާނު ހުންނެވީ 11 އަހަރުގެ ޖަލު ހުކުމެއްގައެވެ. އެ ހުކުމްގެ އިސްތިއުނާފު މައްސަލަ ހައިކޯޓުގައި އޮތްއިރު މައްސަލަ ބައްލަވާ ބައެއް ފަނޑިޔާރުން ޗުއްޓީގައި ތިއްބެވުމުން އެ މައްސަލަ މިހާރު އޮތީ މަޑުޖެހިފައެވެ. މީގެއިތުރުން ކްރިމިނަލް ކޯޓުގައި އަންނަނީ އެމަނިކުފާނުގެ އިތުރު މައްސަލައެއްގެ އަޑުއެހުންތައްވެސް ކުރިއަށްދަމުންނެވެ.