Last Updated: July 18, 17:34
Saturday, July 18, 2026
ދުނިޔެ

ޒޮމާޓޯ އަށް ޗީފް ފިޓްނެސް އޮފިސަރެއް

ސިއްހަތަށް ބަލައިގެން ކެއުމަށާއި ދުޅަހެޔޮކޮށް ތިބެން ކަސްރަތުގެ މުހިއްމުކަން އަންގައިދީ އެކަމަށް ހޭލުންތެރިކަން އުފެއްދުމުގެ ގޮތުން އިންޑިއާގެ މަޝްހޫރު އޮންލައިން ޑެލިވަރީ ކުންފުނި ޒޮމާޓޯ އިން ޗީފް ފިޓްނެސް އޮފިސަރު (ސީއެފްއޯ) ގެ ނަމުގައި މަގާމެއް އުފައްދައި އެ މަގާމަށް މީހަކު އައްޔަންކޮށްފި އެވެ.

ކާނާ ޑެލިވަރީކުރާ މަޝްހޫރު ކުންފުނިން ބުނީ އެތަނުގެ ފުރަތަމަ ސީފްއޯގެ މަގާމަށް ހަމަޖެއްސީ އައްމޯލް ގުޕްތާ ކިޔާ މީހެއް ކަމަށެވެ. އޭނަ އަކީ 2013 ގައި ދިއްލީ ޔުނިވަސިޓީން އެމްބީއޭ ހާސިލުކޮށްފައިވާ މީހެކެވެ. އޭގެ ފަހުން ފައިނޭންޝަން އެނަލިސްޓެއްގެ ގޮތުގައި މަސައްކަތްކުރަމުން އައި އައްމޯލް 2017 ގައި ފިޓްނެސްގެ ތެރެއަށް ވަދެފަ އެވެ.

ޒޮމާޓޯގެ ސީއީއޯ ދީޕިންދުރަ ގޯޔަލް އޭނަގެ ބްލޮގްގައި ވިދާޅުވީ ޗީފް އޮފިސަރެއްގެ ބޭނުންތެރިކަން ކުންފުންޏަަށް ވަރަށް ބޮޑު ކަމަށެވެ. އެގޮތުން އެ މަގާމަށް ހަމަޖެއްސި އައްމޯލްއާ އެކީ ކުންފުނީގެ ހުރިހާ މުވައްޒަފުން، ބޯޑްގެ މެމްބަރުން ވެސް ހިމެނޭ ގޮތަށް އަދި ޒޮމާޓޯއާ ގުޅިގެން މަސައްކަތްކުރާ ހުރިހާ ފަރާތްތަކެއް ވެސް ޝާމިލުވާ ގޮތަށް ދުޅަހެޔޮ ސިއްހަތެއްގެ މުހިއްމުކަން އަންގައިދޭން ގިނަ މަސައްކަތް ކުރެވޭނެ ކަމަށް ވިދާޅުވި އެވެ.

އެގޮތުން އައްމޯލް ނަގާނީ އެ މަސްއޫލިއްޔަތާއި ޒިންމާ އެވެ.

"ޒޮމަޓޯ ކަހަލަ ކާނާ ޑެލިވަރީކުރާ ކުންފުންޏެއްގެ ހައިސިއްޔަތުން މިފަދަ ކަމެއް ކުރުމަކީ މުހިއްމު ކަމެއް. އަދި މީގެ ތެރެއިން އަހަރެމެންގެ މުވައްޒަފުންނާއި ވިޔަފާވެރި ޕާޓްނަރުންގެ އިތުރުން ކަސްޓަމަރުންނަށް ވެސް ސިއްހީ ގޮތުން ހެޔޮ ބަދަލުތަކެއް އަންނާނެ." ގޯޔަލް ވިދާޅުވި އެވެ.

އޭނަ ވިދާޅުވި ގޮތުގައި ދުޅަހެޔޮ ސިއްހަތަކަށް އިސްކަންދޭން ޖެހޭ މައިގަނޑު އެއް ސަބަބަކީ އެ ކަމަކީ މީހާގެ ނަފުސާނީ ދުޅަހެޔޮކަމާ ވެސް ވަރަށް ބޮޑަށް ގުޅިފައިވާ ކަމަކަށްވުމެވެ.