ރައީސް އިބްރާހިމް މުހައްމަދު ސާލިޙް މިއަހަރުގެ ރިޔާސީ އިންތިޙާބަށް އެކުގައި ނިކުންނަވާނެ ރަނިންގް މޭޓެއް މާދަމާ އިއުލާން ކުރައްވާނެ ކަމަށް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު ހއ. އަދި ށ. އަތޮޅަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، މިރޭ އެކަމާއި ގުޅޭ އެންމެ ފަހުގެ މަޝްވަރާތައް ކުރިއަށްދާނެ ކަމަށާ މިރޭ ނުނީ މާދަމާ ގޮތެއް ނިންމަވައި އިއުލާން ކުރައްވާނެ ކަމަށެވެ. އަދި މިހާރުގެ ނައިބު ރައީސް ފައިސަލް ނަސީމްއަށްވެސް ފުރުސަތު އޮތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
" (ނައިބް ރައީސް ފައިސަލް ރަނިންގް މޭޓަކަށް) ވެދާނެ. އަދި އަޅުގަނޑު އެކަމުގައި ފައިނަލް ޑިސިޝަނެއް ނުނަގަން. އަޅުގަނޑު އަތުގައި އެބަހުރި ނަންތަކެއް. އަޅުގަނޑު އެކަން ނިންމާނީ މަޝްވަރާ ކުރުމަށް ފަހު " ރައީސް ވިދާޅުވިއެވެ.
އަދި އާ ބޭފުޅުންތަކަކަށްވެސް ފުރުސަތު އޮތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، މިހާރު ކުރިއަށްދަނީ ކޯލިޝަނަކާއި އެކު ކަމަށްވުމުން، ކޯލިޝަންގެ މަޝްވަރާވެސް މީގެ ތެރޭގައި ހިމެނޭނެ ކަމަށެވެ. އަދި މިހާރު ބަލަނީ ބުރާސްފަތި ނުވަތަ ހުކުރު ދުވަހާއި ހަމައަށް ފޯމު އިލެކްޝަންސް ލުމަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސާލިޙްގެ ރަނިންގް މޭޓަކަށް ވާނެ ބޭފުޅަކާއި މެދު ގިނަ ބަޔަކު އެކި ހިޔާލުތައް ފާޅު ކުރަމުންދާއިރު، އެއް ބަޔަކު ޤަބޫލު ކުރައްވާ ގޮތުގަިއ މިހާރުގެ ނައިބު ރައީސް ފައިސަލް ނަސީމްއާއިއެކު ދިއުމުގެ ފުރުސަތު ބޮޑެވެ. އެހެން ބައެއް ނަންތަކުގެ ތެރޭގައި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ހިމެނޭއިރު، އަދި މިހާތަނަށް އެއްވެސް ފަރާތަކުން ޔަޤީން ޖަވާބެއް މިކަމުގައި ދީފައި ނުވެއެވެ.
މިވަގުތު ރަނިންގް މޭޓެއް ކަށަވަރުކޮށް އިއުލާންކޮށްފައިވަނީ ޕީޕީއެމްގެ ފަރާތުންނެވެ. ނަމަވެސް ޕީޕީއެމްގެ ކެންޑިޑެސީ އިލެކްޝަނުން ބަލައި ނުގަތުމުން އެ މައްސަލަ މިހާރު ސުޕްރީމް ކޯޓަށް ވަނީ ވައްދާފައެވެ. އަދި ސުޕްރީމް ކޯޓެއް ނިންމާ ގޮތެއްގެ މަތިން 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ރައީސް އަބްދުﷲ ޔަމީން އަދި ރަނިންގް މޭޓް ޑރ. މުހައްމަދު ޖަމީލް އަހުމަދު އިންތިހާބުގައި ވާދަ ކުރައްވާނެއެވެ.