Last Updated: May 19, 21:03
Sunday, May 19, 2024
ޚަބަރު

ފޭދޫގައި އިތުރު ރުއްތަކެއް އިންދައިފި

އައްޑޫގައި އެއްލައްކަ ރުއް އިންދަން ކައުންސިލުން ފަށާފައި އޮތް ޕްރޮގްރާމްގެ ދަށުން ފޭދޫގައި މިއަދު އަނެއްކާ ވެސް ރުއް އިންދުމުގެ ހަރަކާތެއް ބާއްވައިފި އެވެ.

ފޭދޫ އަވަށު އޮފީހާއި ތިމާވެއްޓަށް މަސައްކަތްކުރާ އައްޑޫގެ ޖަމިއްޔާއެއް ކަމަށްވާ އައްޑޫ އިކޯ ކުލަބް (އޭއީސީ) ގުޅިގެން މިއަދު ހަވީރު ފޭދޫގައި ފުއްޓަރު ފަރާތު ހިއްކި ބިމުގެ ހޭޅިފަށު ސަރަހައްދުގައި ޖުމްލަ 18 ރުއް އިންދާފައިވެ އެވެ. މި ރުއްތައް އިންދާފައި ވަނީ ގަމާވީ ފަރާތުން ފޭދޫގެ ކޮޅުން ފެށިގެން ދިގިހެރައާ ދިމާއަށެވެ. ދިގިހެރަ އަކީ ކުރިން ފޭދޫގެ ކައިރީގައި ވަކިން އޮތް ކުޑަ ފަޅުރަށެކެވެ. ނަމަވެސް 2016 ގައި ފޭދޫ ވަށައިގެން ހިއްކި އިރު، އެ ރަށް އޮތީ މިހާރު ފޭދޫގެ ބައެއްގެ ގޮތުގައި ގުޅުވައިފަ އެވެ.

އޭއީސީން ބުނީ ކުރިއަށް އޮތް ތަނުގައި ވެސް ފޭދޫ އަވަށު އޮފީހާ ގުޅިގެން ސިލްސިލާކޮށް ރުއް އިންދުމުގެ ހަރަކާތްތައް ކުރިއަށް ގެންދާނެ ކަމަށެވެ. މީގެ ކުރިން ވެސް ފޭދޫގެ އެކި ހިސާބުތަކުގައި ރުއް އިންދާފައިވެ އެވެ.

އައްޑޫގައި 100،000 ރުއް އިންދުމުގެ ޕްރޮގްރާމް ކައުންސިލުން ފެށީ 2021 ގެ ތިމާވެށީގެ ދުވަހާ ގުޅުވައިގެންނެވެ. އޭގެ ފަހުން މިހާތަނަށް އައްޑޫގެ ހުރިހާ އަ ވަށެއްގައި ވެސް ރުއް އިންދުމުގެ ހަރަކާތްތައް އަންނަނީ ބާއްވަމުންނެވެ. ކައުންސިލުން ފެށި މި މަސައްކަތަށް ވަކިން ހާއްސަކޮށް ތިމާވެއްޓަށް މަސައްކަތްކުރާ އައްޑޫގެ ޖަމިއްޔާތަކުން ބޮޑު އެއްބާރުލުމެއް ލިބެ އެވެ.

މިދިޔަ މަހުގެ މެދުތެރޭގައި ކައުންސިލުން ވަނީ މެލޭޝިއާ އިން ގެނައި 50 ރުކެއް ޕައިލެޓް ޕްރޮޖެކްޓެއްގެ ދަށުން ހިތަދޫގެ ނޭޗާ ޕާކްގައި އިންދައިފަ އެވެ. އަދި އައްޑޫގެ މަލަމަތި ޒީނަތްތެރިކުރުމަށްޓަކައި ކަދުރު ރުއްތަކެއް އިންދަން ވެސް ކައުންސިލުން އޮތީ ނިންމައިފަ އެވެ.

އެގޮތުން އެކަމަށް ހިންގާ ޕްރޮގްރާމްގެ ފުރަތަމަ ބުރަށް ބޭނުންވާ 300 ރުއް ސަޕްލައިކޮށްދޭނެ ބަޔަކު ހޯދަން ޖޫން މަހުގެ ތެރޭގައި ބީލަމަށް ހުޅުވާލި އެވެ.