ރައީސް ޔާމީންގެ ކެންޑިޑެސީ މައްސަލާގައި ޖަވާބުދާރީ ވާން އިލެކްޝަން ކޮމިޝަނަށް ސުޕްރީމް ކޯޓުން އަންގައިފިއެވެ.
މިމައްސަލާގައި ޖަވާބުދާރީ ވުމަށް ސުޕްރީމް ކޯޓުން އަންގާފައިވާކަން އިލެކްޝަން ކޮމިޝަނުން ވަނީ ޔަގީންކޮށްދެއްވާފައެވެ. މިކަމާއި ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާޢިލް ހަބީބު ވިދާޅުވީ، ރައީސް ޔާމީން ކެންޑިޑެސީ މައްސަލާގައި ސުޕްރީމް ކޯޓަށް މާދަމާ މެނދުރުފަހު 3:00 ގެ ކުރިން ޖަވާބު ފޯމު މެދުވެރިކޮށް ޖަވާބު ދެއްވާނެ ކަމަށް ވިދާޅުވިއެވެ.
ރިޔާސީ އިންތިހާބުގައި ބައިވެރިވުމަށް ރައީސް ޔާމީން އީސީއަށް ކެންޑިޑަސީ ހުށަހަޅާފައިވަނީ އިއްޔެއެވެ. އިންތިހާބުގައި ބައިވެރިވުމަށް ހުށަހެޅި ފޯމާއި ގުޅޭގޮތުން އީސީން ނިންމާފައިވަނީ ރައީސް ޔާމީނަށް "ރައިސުލްޖުމްހޫރިއްޔާކަމަށް ކުރިމަތިލުމަށް ހުށަހެޅި ހުށަހެޅުން، އިލެކްޝަންސް ކޮމިޝަނުން ޤަބޫލުކުރެވެން ނެތް" ކަމަށެވެ.
ރައީސް ޔާމީން ގެ ކެންޑިޑެސީ އާ ގުޅޭގޮތުން، ރައީސް ޔާމީންގެ ފަރާތްޕުޅުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވާ މައްސަލައިގައި އީސީ އިން ޖަވާބުދާރީވުމަށް، ސުޕްރީމް ކޯޓުން މިއަދުވަނީ، އީސީ އަށް އަންގަވާފައި.
މާދަމާ މެންދުރުފަހު 3:00 ގެ ކުރިން، ޖަވާބު ފޯމުން،…— Ismail Habeeb (@IsmailHabeeb) August 2, 2023
އެކަމުގެ ސަބަބެއްގެ ގޮތުން އީސީން ބުނެފައިވަނީ، ރައީސް ޔާމީންގެ މައްޗަށް 11 އަހަރުގެ ހުކުމެއް އައިސްފައިވާއިރު އެ ހުކުމް ތަންފީޒުކޮށް ނިިމިފައިނުވާކަން ހުށަހަޅާފައިވާ ކުށުގެ ރިކޯޑަށް ބެލުމުން އެނގެން އޮންނަ ކަމަށެވެ. އެހެންކަމުން ޤާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ޅ) ގައި ބަޔާންކުރާ ޝަރުތު ރައީސް ޔާމީންގެ ކިބައިގައި ފުރިހަމަ ނުވާ ކަމަށެވެ.
ޔާމީންގެ ރަނިންމޭޓް އަދި އެމަނިކުފާނުގެ އިސް ވަކީލު، ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު މިއަދު ވިދާޅުވީ، ސުޕްރީމް ކޯޓަށް މިއަދު ރައީސް ޔާމީންގެ މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ. އެ މައްސަލަ ސުޕްރީމް ކޯޓުން ބަލައިގެންފައިވާއިރު، މިފަދަ މައްސަލަތައް 7 ދުވަހުގެ ތެރޭގައި ކޯޓުން ނިންމަންޖެހެއެވެ.
ރައީސް ޔާމީންގެ މައްޗަށް ވ. އާރަށުގެ މައްސަލާގައި އިއްވާފައިވާ 11 އަހަރު ޖަލު ހުކުމުގެ މައްސަލަ އާއި ގުޅިގެން ކެންޑިޑެސީ ޤަބޫލު ނުކުރިއިރު، ޕީޕީއެމްގެ އުއްމީދަކީ އިލެކްޝަނުން ރިއާޔަތް ކުރާ މައްދާގައި އެބުނާ ހުކުމަކީ ނިހާއީ ހުކުމެއް ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅުމެވެ. އަދި އިލެކްޝަނުން އެ މާއްދާ ތަދުބީގު ކުރަނީ "ނުބައިކޮށް" ކަމަށް ޖަމީލް ވިދާޅުވިއެވެ.