މި އަހަރުގެ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ) އުން ވާދަކުރަން ނިންމާފައިވާ އިރު، ޕާޓީގެ ކެންޑިޑޭޓްގެ ރަނިންމޭޓް ކަނޑައެޅުމުހެ ބާރު، ޕާޓީގެ ލީޑަރަށް ދީފި އެވެ.
ޖޭޕީގެ ލީޑަރަކީ އަދި ރިޔާސީ ކެންޑިޑޭޓަކީ ގާސިމް އިބްރާހިމެވެ. ރަނިންމޭޓް ކަނޑައެޅުމުގެ ބާރު އޭނަ އަށް ދޭން ނިންމީ ޕާޓީގެ 159 ވަނަ ކައުންސިލް ބައްދަލުވުމުގަ އެވެ. އެކަން އެ ޕާޓީން ކަށަވަރުކޮށް ދީފައިވެ އެވެ. ނަމަވެސް އިއްޔެ ބޭއްވި ބައްދަލުވުމުގައި ރަނިންމޭޓް ކަނޑައެޅުމުގެ މަޝްވަރާ ކުރިއަށް ދިޔަ ކަމެއް ޖޭޕީން ކަށަވަރުކޮށް ދީފައެއް ނުވެ އެވެ.
އެ ޕާޓީން ރިޔާސީ އިންތިހާބަށް ކެމްޕޭން ކުރަމުން އަންނަ އިރު، ގާސިމްގެ ރަނިންމޭޓެއްގެ ވާހަކަ އެ ޕާޓީން އަދި މިހާތަނަށް ރަސްމީކޮށް ނުދައްކަ އެވެ.
ރިޔާސީ އިންތިހާބަށް ވާދަކުރާ ފަރާތްތަކަށް ނަން ހުށަހަޅަން އިލެކްޝަން ކޮމިޝަން އީސީ) އިން ދިން މުހުލަތު މި މަހުގެ 7 އަށް ހަމަވާނެ އެވެ.