Last Updated: May 19, 21:03
Sunday, May 19, 2024
ޚަބަރު

ވާދޫގައި ސޯލާ ޗާޖިން ސްޓޭޝަނެއް

ތިމާވެއްޓާ ރައްޓެހި ވެހިކަލްތަކަށް ހާއްސަކޮށްގެން ރ. ވާދޫގައި ސޯލާ ޗާޖިން ސްޓޭޝަނެއް ގާއިމުކޮށް އެތަން ހުޅުވައިފި އެވެ.

މިއީ ޔޫއެންޑީޕީގެ ޖީއީއެފް/އެސްޖީޕީ ސްމޯލް ގްރާންޓުގެ ހިލޭ އެހީގެ ދަށުން ވާދޫ އެސޯސިއޭޝަންފޯ ފިޔުޗާ ޑިވެލޮޕްމެންޓް (ވަފްދު) އިން އެ ރަށުގައި ކުރިއަށް ގެންދާ "އިއާދަ ކުރަނިވި ހަކަތައަށް ރައްޔިތުން ބަދަލުވުމުގެ" ޕްރޮޖެކްޓުގެެ ދަށުން ގާއިމުކޮށްފައިވާ ސްޓޭޝަނެކެވެ.

އެތަން އިއްޔެ ހުޅުވައި ދެއްވީ ޔޫއެންޑީޕީ މޯލްޑިވްސްގެ އެސިސްޓެންޓް ރެޒިޑެންޓް ރެޕްރެޒެންޓޭޓިވް ފޮ ރެޒިލެންސް އެންޑް ކްލައިމެޓް ޗޭންޖް އަހުމަދު ޝިފާޒެވެ.

މި ސޯލާ ޗާޖިން ސްޓޭޝަނުން ޖުމްލަ ހަ ކިލޯވޯޓްގެ ކަރަންޓު އުފެއްދޭނެ އެވެ. ވާދޫ ކައުންސިލުން ބުނި ގޮތުގައި މިހާރު އިލެކްޓްރިކް ވެހިކަލް ގެންގުޅޭ މީހުންނަށް އެ ޗާޖިން ސްޓޭޝަނުން ހިލޭ ޗާޖުކުރެވޭނެ އެވެ. މިފަދަ ވަސީލަތެއް ގާއިމުކުރުމުގެ މައިގަނޑު ބޭނުމަކީ ވާދޫގެ މީހުންނަކީ ތިމާވެއްޓާ ރައްޓެހި ވެހިކަލް ގެންގުޅޭ ބަޔަކަށްވުމަށް ބާރު އެޅުމެވެ. އަދި އެ ރަށަކީތެލަށް ބަރޯސާވުން ކުޑަ، ޖައްވަށް ވިހަ ގޭސް ދޫކުރާ މިންވަރަށް ދަށް ރަށަކަށް ހެދުމެވެ.

"އިއާދަކުރަނިވި ހަކަތައަށް ރައްޔިތުން ބަދަލުވުމުގެ" ޕްރޮޖެކްޓުގެެ ދަށުން ވާދު އަށް ވަނީ 14 މީހުންގެ ޖާގައިގެ އިލެކްޓްރިކް ބަހެއް ވެސް ގެންގޮސްފަ އެވެ. އަދި އޭގައި ސްކޫލު ކުދިންނަށާއި އާންމުނަށް ވެސް ޕަބްލިކް ޓްރާންސްޕޯޓުގެ ހިދުމަތް ދޭން ނިންމާފައިވެ އެވެ. ބަހުގެ ހިދުމަތް މިހާރު ދެނީ މުޅި ބަސް ޗާޓަކުރާ ގޮތަށެވެ. އަދި ދަތުރަކަށް 50ރ. ނަގާނެ އެވެ.

ވާދޫގައި ބެހެއްޓި ސޯލާ ޗާޖިން ސްޓޭޝަނުގެ ކައިރީ ބެޓެރި ސައިކަލްތަކެއް ވެސް ބަހައްޓާފައިވާ އިރު އެތަކެތި ކުއްޔަށް ނެގޭނެ އެވެ. އެގޮތުން މިނިޓަކަށް އެ ދޫކުރާނީ 50 ލާރި އެވެ.