Last Updated: July 25, 06:01
Saturday, July 25, 2026
މުނިފޫހިފިލުވުން

"ޖެއިލާ" ގެ ޓްރެއިލާ ރަޖްނީކާންތުގެ ސްޓައިލްގައި

މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިން ރާއްޖޭގައި ޗުއްޓީ ހޭދަކުރި އިންޑިއާގެ މަޝްހޫރު ފިލްމީ ތަރި ރަޖްނީކާންތުގެ އާ ފިލްމު "ޖެއިލާ" ގެ ޓްރެއިލާ އޭނަގެ ސިގްނޭޗާލާ ސްޓައިލްގައި ބެލުންތެރިންނަށް ދޫކޮށްލައިފި އެވެ.

މި މަހުގެ 10 ގައި ސިނަމާތަކަށް ގެންނަން ހަމަޖެހިފައިވާ މި ފިލްމަކީ ނެލްސަބް ލިޔެ، ޑައިރެކްޓްކޮށްފައިވާ ބްލެކް-ކޮމެޑީ އެކްޝަން ފިލްމެކެވެ. ތަމަޅަ ބަހުން ހަދާފައިވާ ފިލްމު ބެލުންތެރިންނަށް އިންޑިއާގެ އެހެން ބަހުރުވަތަކުން، ވާހަކަ ދައްކާ މީހުންނަށް ހާއްސަކޮށްގެން އެ މީހުންގެ ބަހުން ޑަބްކޮށްގެން ވެސް ސިނަމާތަކުގައި ދައްކާނެ އެވެ. އޭގެ ތެރޭގައި ހިންދީ ބަސް ހިމެނެ އެވެ.

"ޖެއިލާ" ގެ ކާސްޓްގައި ތަމަންނާ ބާޓިއާ، މޯހަންލާލު، ޖެކީ ޝްރޮފް، ރާމިއާ ކްރިޝްނަން، ޔޯގީ ބާބޫ، ވަސަންތު ރަވީ އަދި ޝިވާ ކުމާރާއި ސުނިލް ވެސް ހިމެނެ އެވެ.

މި ފިލްމުގެ ލަވަތަކުގެ ތެރެއިން ތަމަންނާގެ ކެޗީ ޑާންސްތަކެއް ފެނިގެންދާ ލަވަ "ކާވާލާ" މިހާރު އާންމުންގެ ތެރޭގައި ބޮޑު ހިޓަކަށްވެފައިވާ އިރު، މި ލަވައިގެ ހިންދީ ވާޝަން "ތޫ އާ ދިލްބަރާ" މިދިޔަ ހަފުތާގައި އާންމުކޮށްފައިވެ އެވެ.

މިހާތަނަށް އެތައް ފިލްމެއް ކުޅެފައިވާ ރަޖްނީކާންތު އެންމެ ފަހުން ފެނިފައި ވަނީ 2021 ގެ "އައްނާތެ" އިންނެވެ.