ޕީއެންސީގެ ރިޔާސީ ޓިކެޓަށް ޑރ. މުހައްމަދު މުއިއްޒާއި އާދަމް ޝަރީފު ވާދަކުރައްވާނެ ކަމަށް ބެލެވެން ފަށައިފި އެވެ.
ރާއްޖޭގައި ދެވަނަ އަށް އެންމެ ބޮޑު ޕާޓީ، ޕީޕީއެމްގެ ކޯލިޝަން ބައިވެރިޔާ ކަމަށްވާ ޕީއެންސީން ރިޔާސީ އިންތިހާބަށް ވާދަކުރަން އުޅެނީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ގެއްލިއްޖެކަން އެއްކޮށް ކަށަވަރުވާ ހާލަތުގައި އިންތިހާބަށް ނުކުތުމުގެ ގޮތުންނެވެ.
އެގޮތުން އެ ޕާޓީން ކެންޑިޑޭޓަކު ނެރުމަށް ޔާމީންގެ ލަފާ ވެސް ލިބިފައިވެ އެވެ.
ޔާމީން އިންތިހާބުގައި ވާދަކުރައްވަން މި މަހުގެ 1 ގައި ފޯމު ހުށަހެޅުމުން އެ މަނިކުފާނު 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރއްވަމުން ގެންދަވާތީ އިންތިހާބަށް ޝަރުތު ހަމަނުވާ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އޮތީ ނިންމައިފަ އެވެ. އަދި އެ މައްސަލަ އިދިކޮޅުން ސުޕްރީމް ކޯޓަށް ހުށަހެޅުމާ ގުޅިގެން މިއަދު މެންދުރު ފަހު 3:00 ގެ ކުރިން އެ މައްސަލައިގައި ޖަވާބުދާރީވާން އީސީ އަށް ކޯޓުން އޮތީ އަންގައިފަ އެވެ.
ޔާމީން އިންތިހާބުގައި ވާދަކުރައްވަން ހުށަހެ އިރު، ރަނިންމޭޓެއްގެ ގޮތުގައި ކަނޑައެޅީ 2013 ގައި ވެސް އެ މަނިކުފާނުގެ ރަނިންމޭޓެއްގެ ގޮތުގައި ހަމަޖެއްސެވި ޑރ. މުހައްމަދު ޖަމީލު އަހުމަދެވެ. އަދި އެކަމާ ޑރ. މުއިއްޒު ހިތްޕުޅާނުވެގެން އުޅުއްވިކަމުގެ ވާހަކަތަކެއް ވެސް ދެކެވި، އެކަމާ ހެދި އިދިކޮޅު ކޯލިޝަންގެ ތެރޭގައި ހިޔާލު ތަފާވުންތަކެއް ވެސް އުފެދިފައިވެ އެވެ.
ޕީއެންސީގެ ރިޔާސީ ޓިކެޓް ވާދަކުރައްވާނެ ކަމަށް ބެލެވޭ ކުރީގެ ހައުސިން މިނިސްޓަރު މުއިއްޒަކީ މާލޭގެ މިހާރުގެ މޭޔަރެވެ. ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފަކީ މަޑުއްވަރީ ދާއިރާގެ މިހާރުގެ މަޖިލިސް މެމްބަރެވެ.
ނަމަވެސް މި ދެ ބޭފުޅުން ޕީއެންސީގެ ޓިކެޓަށް ވާދަކުރެއްވުމާ ގުޅޭ ގޮތުން ކޯލިޝަނުން އަދި ރަސްމީކޮށް އެއްޗެއް ނުބުނެ އެވެ. އެކަމަކު އެ ޕާޓީން އިންތިހާބަށް ވާދަކުރަން ނިންމިކަން މިއަދު ވަނީ ކަށަވަރުކޮށް ދީފަ އެވެ. އެގޮތުން ނިންމީ މިއަދު ބޭއްވި މަޝްވަރާ ބައްދަލުވުމެއްގައި 47 މެމްބަރުންގެ ތެރެއިން 44 މެމްބަރުންގެ އިއްތިފާގުންނެވެ.
އިންތިހާބުގައި ވާދަކުރާ ފަރާތްތަކަށް ނަން ހުށަހަޅަން އީސީން ދިން މުއްދަތު މި މަހުގެ 7 އަށް ހަމަވާނެ އެވެ.