Last Updated: June 6, 19:03
Saturday, June 6, 2026
ޚަބަރު

ޕީއެންސީން އިންތިހާބުގައި ވާދަކުރަން ނިންމައިފި

ޕީއެންސީގެ މަޝްވަރާ މަޖިލީހުގެ ބައްދަލުވުމުގެ ތެރެއިން- ފޮޓޯ: ޕީޕީއެމް

އިދިކޮޅު ޕީޕީއެމްގެ އާއެކު ކޯލިޝަން ހަދާފައިވާ އަބްދުއްރަހީމް އަބްދުﷲގެ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ނިންމައިފިއެވެ.

ޕީއެންސީގެ މަޝްވަރާ މަޖިލީހުގެ ބައްދަލުވުމެއް މިއަދު ހެނދުނު ބާއްވާފައިވާއިރު، އެ ބައްދަލުވުމުގައި ނިންމަން އޮތް އެންމެ ބޮޑު އެއް ކަމެއްގެ ގޮތުގައި އޮތީ މިއަހަރުގެ ރިޔަސީ އިންތިޚާބުގައި އެޕާޓީ ވާދަކުރުމާމެދު ގޮތެއް ނިންމުމެވެ.

އެގޮތުން އެ ބައްދަލުވުމުގައި ބައިވެރިވި 47 މެންބަރުންގެ ތެރެއިން 44 މެންބަރުންގެ ވޯޓުން ވަނީ ޕީއެންސީން ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ފާސްކޮށްފައެވެ.

ޕީއެންސީން އިންތިހާބުގައި ވާދަކުރުމަށް ނިންމާފައިވާއިރު، ޕްރައިމަރީއެއް ބާއްވާން ވަގުތު ނެތުމުން ދެން ކަންކުރާންޖެހޭ ގޮތްތައްވެސް އެޕާޓިގެ މަޝްވަރާ މަޖިލީހުގެ ބައްދަލުވުމުގައި ނިންމާނެ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ޕީއެންސީގެ ރިޔާސީ ޓިކެޓަށް އޮތް ވާދަވެރިކަން އެޕާޓީގެ ތެރޭގައި ބޮޑުވެފައިވާއިރު، ޕީއެންސީން އިންތިހާބަށް ކެންޑިޑޭޓެއް ނެރުމަށް އެންގެވީ ކުރީގެ ރައީސް އަބްދުﷲ ޔާމީނެވެ. ރައީސް ޔާމީން އިންތިހާބުގައި ވާދަކުރެއްވުމަށް ފޯމް ހުށަހެޅުއްވިއިރު، އީސީން ވަނީ އިންތިހާބުގައި ވާދަކުރުމުގެ ޝަރުތު ރައީސް ޔާމީންގެ ހަމަނުވާކަމަށް ކަނޑައަޅާފައެވެ. އެހެންކަމުން އެ މައްސަލަ ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅާފައެވެ.