Last Updated: June 6, 18:54
Saturday, June 6, 2026
ޚަބަރު

ޕީއެންސީގެ ޓިކެޓަށް ކުރިމަތިލާން ހުޅުވާލައިފި

ޕީއެންސީގެ މަޝްވަރާ މަޖިލީހުގެ ބައްދަލުވުމުގެ ތެރެއިން- ފޮޓޯ: ޕީޕީއެމް

ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ނިންމި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ރިޔާސީ ޓިކެޓަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ޕީޕީއެމްއާއެކު ކޯލިޝަން ހަދާފައިވާ ޕީއެންސީގެ މަޝްވަރާ މަޖިލީހުގެ ބައްދަލުވުމެއް މިއަދު ހެނދުނު ބާއްވާފައިވާއިރު، އެ ބައްދަލުވުމުގައި ބައިވެރިވި 47 މެންބަރުންގެ ތެރެއިން 44 މެންބަރުންގެ ވޯޓުން ވަނީ ޕީއެންސީން ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ފާސްކޮށްފައެވެ.

އަދި ޕީއެންސީގެ ރިޔާސީ ޓިކެޓަށް ވާދަކުރުމުގެ ފުރުސަތު މިއަދުގެ މެންދުރު 2:00 އާ ހަމައަށް ވަނީ ހުޅުވާލާފައެވެ. ޕީއެންސީން ނިންމާފައިވަނީ ވާދަކުރާނެ ކެންޑިޑޭޓަކު ކަނޑައަޅަން މިއަދު ހަވީރު 4:00 ގައި މަޝްވަރާ މަޖިލީހުގެ ބައްދަލުވުމެއް ބޭއްވުމަށެވެ.

ޕީއެންސީގެ ޓިކެޓަށް ވާދަކުރައްވާކަމަށް އަޑުތައް ފެތުރިފައިވަނީ މާލެސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރެވެ. މީގެތެރެއިން މުއިއްޒު ހުންނެވީ ޕީޕީއެމްގެ ނައިބު ރައީސްގެ ގޮތުގައެވެ. އަދި ޓިކެޓަށް ވާދަކުރައްވާނަމަ ޕީއެންސީއަށް ސޮއި ކުރަންޖެހޭނެއެވެ.

ޕީއެންސީން އިންތިހާބަށް ކެންޑިޑޭޓެއް ނެރުމަށް އެންގެވީ ކުރީގެ ރައީސް އަބްދުﷲ ޔާމީނެވެ. ރައީސް ޔާމީން އިންތިހާބުގައި ވާދަކުރެއްވުމަށް ފޯމް ހުށަހެޅުއްވިއިރު، އީސީން ވަނީ އިންތިހާބުގައި ވާދަކުރުމުގެ ޝަރުތު ރައީސް ޔާމީންގެ ހަމަނުވާކަމަށް ކަނޑައަޅާފައެވެ. އެހެންކަމުން އެ މައްސަލަ ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅާފައެވެ.