Last Updated: June 7, 06:04
Sunday, June 7, 2026
ޚަބަރު

މަސްފިނިކުރާ ނިޒާމަށް ދޭ ލޯނު އޮޑިވެރިންގެ އެކައުންޓަށް

ދިވެހި މަސްވެރިން މަސްވެރިކަމުގައި-- ފޮޓޯ: މުހައްމަދު އާޒިމް އަލީ

މަސް ދޯނިތަކުގައި ހަރުކުރާ ރެފްރިޖެރޭޓޭޑް ސީ ވޯޓާ (އާރްއެސްޑަބްލިއު) ނިޒާމު ޤާއިމް ކުރުމަށް ދޭ ފައިސާ ސީދާ އޮޑިވެރިންގެ އެކައުންޓަށް ޖަމާ ކޮށްދޭން ފިޝަރީޒް މިނިސްޓްރީން ނިންމައިފިއެވެ.

މީގެ ހަމަޖެހިފައި އޮތް ގޮތުން މި ނިޒާމު ޤާއިމުކުރުމަށް ބޭނުންވާ ފައިސާ ފޯރުކޮށްދިނުމަށް ނިންމާފައިވަނީ "ކަނޑުފަޅު ނަފާ ލޯނު ޕްރޮގްރާމް"ގެ ދަށުން ލޯނަށް އެދޭ އުޅަނދުފަހަރުގައި އާރު.އެސް.ޑަބްލިއު ސިސްޓަމް ސަޕްލައިކޮށް ހަރުކޮށްދޭ ކުންފުންޏަށެވެ. ނަމަވެސް ފިޝަރީޒް މިނިސްޓްރީން ބުދަ ދުވަހު ނެރުނު ނޫސް ބަޔާނުގައި ބުނެފައިވަނީ މިހާރު މި ފައިސާ ސީދާ އޮޑިވެރިންގެ އެކައުންޓަށް ޖަމާޢު ކުރެވޭ ގޮތަށް ނިންމާފައިވާ ކަމަށެވެ.

މިއާއެކު މިހާރު މި ނިޒާމު އަމިއްލައަށް ގެނެސް ހަރުކުރުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށް ފިޝަރީޒް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

ކަނޑުފަޅު ނަފާ ލޯނު ޕްރޮގްރާމަކީ، މިނިސްޓްރީން ލައިސަންސް ނަގައިގެން މަސްވެރިކަމުގައި ހަރަކާތްތެރިވާ އުޅަނދުފަހަރަށް ބައިވެރިވެވޭ ގޮތަށް އާންމުކޮށް ހުޅުވާލާފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ ދަށުން ލޯނު ދޫކުރުމަށް ހަމަޖެހިފައިވާ އެންމެ ގިނަ ޢަދަދަކީ، އުޅަނދަކަށް 500,000.00 (ފަސްލައްކަ) ރުފިޔާއެވެ. މިފައިސާ އާރު.އެސް.ޑަބްލިއު ސިސްޓަމް ގަނެ ސަޕްލައި ކުރުމަށާއި އުޅަނދުގައި ހަރުކުރުމަށް ހިނގާ އެންމެހާ ޚަރަދުތަކަށް ބޭނުންކުރެވޭނެއެވެ. މިއީ، 6 އިންސައްތަ އިންޓަރރެސްޓާއެކު، 6 އަހަރު ދުވަހުގެ ތެރޭގައި އަނބުރާ ދައްކާގޮތަށް އެއްވެސް ރަހުނަކާ ނުލައި ދޫކުރާ ފިޝަރީޒް މިނިސްޓްރީން ބުނެއެވެ.

"ކަނޑުފަޅު ނަފާ ލޯނު ޕްރޮގްރާމް" ގެ ދަށުން މަސްވެރި އުޅަނދުފަހަރުގައި އާރު.އެސް.ޑަބްލިޔު ސިސްޓަމް ޤާއިމް ކުރުމަށް ލޯނު ދޫކުރުމުގެ ބޭނުމަކީ، މަސްވެރިކަމުގެ ފަހި މޫސުމުގައި މަސްވެރި އުޅަނދުފަހަރަށް އައިސް ހޯދުމަށް ދިމާވާ ދަތިތަކަށް ޙައްލެއް ހޯދައިދިނުމެވެ. އަދި އައިސް ހޯދުމަށް ކުރަންޖެހޭ ޚަރަދު ކުޑަކުރުމާއި މަސްވެރިން ބާނާ މަސް ތާޒާކަންމަތީ ގިނަ ވަޤުތު ބެހެއްޓޭނެ ވަޞީލަތްތައް އުޅަނދުގައި ޤާއިމްކޮށްދީ، އަދި ކަނޑުމަތީގައި މަސްވެރިކަމުގައި ގިނަ ވަޤުތު ހޭދަކުރެވޭނެ ފުރުޞަތު ފަހިކޮށްދިނުން ކަމަށް މިނިސްޓްރީން ބުނެއެވެ.

މިޕްރޮގްރާމަކީ މިނިސްޓްރީ އޮފް ފިޝަރީޒް އިން އެސް.އެމް.އީ ޑިވެލޮޕްމަންޓް ފައިނޭންސިންގ ކޯޕަރޭޝަން (އެސް.ޑީ.އެފް.ސީ) ގުޅިގެން ހިންގާ ޕްރޮގްރާމެކެވެ. މިޕްރޮގްރާމުގެ ދަށުން އުޅަނދުފަހަރުގައި އާރު.އެސް.ޑަބްލިޔު ސިސްޓަމް ޤާއިމް ކުރުމަށް ލޯނު ދިނުމަށް ހުޅުވާލީ 20 ނޮވެމްބަރު 2022 ގައެވެ. ލޯނަށް އެދޭ އުޅަނދުފަހަރުގެ ވެރިފަރާތުން ލޯނަށް އެދޭ އެޕްލިކޭޝަނާއެކު ކޯޓޭޝަން އެސް.ޑީ.އެފް.ސީ އަށް ހުށަހެޅުމުން ލޯނު ފައިސާ ދޫކުރާގޮތަށް ވަނީ ހަމަޖެހިފައެވެ.