ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ތ. އަތޮޅުގެ ރަށްތަކުގައި ފޯރިއާއެކު ކެމްޕޭން ހަރަކާތްތައް ކުރިއަށް ގެންދަމުން އެބަދެއެވެ.
ޑިމޮކްރެޓްސްގެ ރިޔާސީ ޓިކެޓުގައި އިންތިހާބުގައި ވާދަކުރައްވާ އިލްޔާސް ލަބީބްގެ ކެމްޕޭން ހަރަކާތްތައް ތ. އަތޮޅުގައި ކުރިއަށް ގެންދަވާއިރު، އިލްޔާސްގެ އަރިހުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު، އެމްޑީޕީގެ ކުރީގެ ނައިބު ރައިސް މުހައްމަދު ޝިފާޒް އަދި އެސްޓީއޯގެ ކުރީގެ އެމްޑީ ހުސައިން އަމްރު އަންނަނީ ބައިވެރިވަމުންނެވެ.
ދ. އަދި ތ. އަތޮޅުގެ ކެމްޕޭން ހަރަކާތްތައް އިލްޔާސް އިއްޔެ ފެއްޓެވިއިރު، މިއަދު ވަނީ އޮމަދޫ، ކިނބިދޫ އަދި ތ. ގުރައިދޫއަށް ވަޑައިގެންފައެވެ. އަދި އެ ރަށްރަށުގައި ތިއްބެވި ސަޕޯޓަރުންނާ ބައްދަލުކުރައްވާ ދޮރުން ދޮރަށް ހިންގަވާފައިވެއެވެ.
އިލްޔާސްގެ ކެމްޕޭނަށް ޑިމޮކްރެޓްސްއިން އަންނަނީ މާލެއާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަރަކާތްތައް ހިންގާ ޕާޓީގެ މެންބަރުން އިތުރު ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އަދި ޕާޓީގެ އެކި ސިޔާސަތުތައް އިއުލާނުކޮށް އެ ސިޔާސަތުތަކާގުޅޭ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދެމުންދެއެވެ.
ސެޕްޓެމްބަރު 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ޑިމޮކްރެޓްސްގެ ޓިކެޓުގައި އިލްޔާސް ވާދަކުރައްވާއިރު ރަނިންމޭޓެއްގެ ގޮތުގައި އަދި ބޭފުޅަކު ކަނޑައަޅުއްވާފައެއް ނުވެއެވެ.