Last Updated: June 6, 18:54
Saturday, June 6, 2026
ޚަބަރު

ޝިހާބާއި ނާޒިމް ޖޭޕީއަށް ސޮއިކޮށްފި

ފޮޓޯ: ޖޭޕީ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އެޑްވައިޒަރު ކަމުގެ މަގާމުގައި ހުންނެވުމަށްފަހު އިސްތިއުފާ ދެއްވި މުހައްމަދު ޝިހާބު އަދި ދިއްގަރު ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނާޒިމް ޖުމްހޫރީ ޕާޓީއަށް ސޮއި ކޮށްފިއެވެ.

ޝިޔާބް އަދި ނާޒިމް ޖޭޕީއަށް ސޮއި ކޮށްފައިވަނީ ކުނޫޒްގައި މިހާރު ކުރިއަށްދާ ރަސްމިއްޔާތުގައެވެ.

ސޮއި ކުރުމަށްފަހު ވާހަކަ ދައްކަވަމުން ޝިހާބް ވިދާޅުވީ އެމަނިކުފާނުގެ މައިގަނޑު މަސައްކަތަކަށް ވާނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބު ޖޭޕީގެ ކެންޑިޑޭޓް ޤާސިމް އިބްރާހިމަށް ކާމިޔާބު ކޮށްދެއްވުމަށް މަސައްކަތް ކުރެއްވުން ކަމަށެވެ. އަދި ސިޔާސީ މައިދާނުގައި ލިބިވަޑައިގެން ހުންނެވި ތަޖުރިބާގެ އަލީގައި މި އިންތިހާބު ކާމިޔާބު ކުރުމަށް ކުރެވެން ހުރި މަސައްކަތް ކުރައްވާނެ ކަމަށެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ ޤާނޫނުއަސާސީއަށް 15 އަހަރު ފުރޭ ދުވަސް ކައިރިވެފައިވަނިކޮށް ޖޭޕީއަށް ގުޅުމަށް ނިންމީ މި ވޭތުވެދިޔަ 15 އަހަރު ތަޖުރިބާ ކުރަންޖެހުނު ކަންކަމާމެދު ވިސްނުމަށްފަހުކަމަށެވެ. މިއަދު ޤައުމު އައިސްފައިވަނީ ހަތަރުއަނގޮޅިއަކަށް ކަމަށާއި، މިއަދު ގައުމު އައިސްފައިވާ ހިސާބަކީ ވަރަށް ނާޒުކު ހިސާބެއް ކަމަށް ނާޒިމް ވިދާޅުވިއެވެ. އަދި ގައުމުގެ އިސްތިގުލާލާމެދުވެސް ސުވާލު އުފެދޭ ހިސާބަށް ގޮސްފައިވާ ކަމަށެވެ.

ޖޭޕީގެ ކެންޑިޑޭޓް ޤާސިމް އިބްރާހިމް ކެމްޕޭން ހަރަކާތްތައް މާލެ ސަރަހައްދުގައި އަދި އެކި ސަރަހައްދުތަކުގައި އަންނަނީ ކުރިއަށް ގެންދަމުންނެވެ.