Last Updated: June 6, 19:03
Saturday, June 6, 2026
ޚަބަރު

ޕީއެންސީގެ ޓިކެޓަށް ހުށަހެޅީ މުއިއްޒާއި އާދަމް ޝަރީފް

އިދިކޮޅި ކޯލިޝަންގެ އެއްވުމެއްގައި މުއިއްޒާއި އާދަމް ޝަރީފު

ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ނިންމި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ރިޔާސީ ޓިކެޓަށް ކުރިމަތިލުމުގެ ވަގުތު ހަމަވިއިރު ފޯމް ހުށަހަޅުއްވާފައިވަނީ މާލެސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އެކަނި ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ.

ޕީޕީއެމްއާއެކު ކޯލިޝަން ހަދާފައިވާ ޕީއެންސީގެ މަޝްވަރާ މަޖިލީހުގެ ބައްދަލުވުމެއް މިއަދު ހެނދުނު ބާއްވާފައިވާއިރު، އެ ބައްދަލުވުމުގައި ބައިވެރިވި 47 މެންބަރުންގެ ތެރެއިން 44 މެންބަރުންގެ ވޯޓުން ވަނީ ޕީއެންސީން ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ފާސްކޮށްފައެވެ.

އެންސީގެ ރިޔާސީ ޓިކެޓަށް ވާދަކުރުމުގެ ފުރުސަތު މިއަދުގެ މެންދުރު 2:00 އާ ހަމައަށް ހުޅުވާލިއިރު އެ ފުރުސަތުގައި ފޯމް ހުށަހެޅުއްވީ މުއިއްޒު އަދި އާދަމް ޝަރީފް އެކަންޏެވެ. މުއިއްޒު ރިޔާސީ ޓިކެޓަށް ވާދަކުރެއްވުމަށް ފޯމު ހުށަހެޅުއްވުމަށް މިއަދު ވަނީ ޕީއެންސީއާ ގުޅިވަޑައިގެންފައެވެ.

ޕީއެންސީން ނިންމާފައިވަނީ ވާދަކުރާނެ ކެންޑިޑޭޓަކު ކަނޑައަޅަން މިއަދު ހަވީރު 4:00 ގައި މަޝްވަރާ މަޖިލީހުގެ ބައްދަލުވުމެއް ބޭއްވުމަށެވެ.

ޕީއެންސީން އިންތިހާބަށް ކެންޑިޑޭޓެއް ނެރުމަށް އެންގެވީ ކުރީގެ ރައީސް އަބްދުﷲ ޔާމީނެވެ. ރައީސް ޔާމީން އިންތިހާބުގައި ވާދަކުރެއްވުމަށް ފޯމް ހުށަހެޅުއްވިއިރު، އީސީން ވަނީ އިންތިހާބުގައި ވާދަކުރުމުގެ ޝަރުތު ރައީސް ޔާމީންގެ ހަމަނުވާކަމަށް ކަނޑައަޅާފައެވެ. އެހެންކަމުން އެ މައްސަލަ ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅާފައެވެ.